ސިޔާސީ ކުށްވެރިން ޖަލުގައި ބައިތިއްބައިގެން މާދަމާގެ ރިޔާސީ ބަޔާން އިއްވިޔަ ދީގެން ނުވާނެ-މުޒާހަރާގެ ބައިވެރިން
ސިޔާސީ ކުށްވެރިން ޖަލުގައި ބައިތިއްބައިގެން މާދަމާގެ ރިޔާސީ ބަޔާން ރައީސް ޔާމީނަށް އިއްވިޔަ ދީގެން ނުވާނެ ކަމަށް އެމްޑީޕީއާއި ޖޭޕީން މިހާރުކުރަމުންދާ މުޒާހަރާގެ ބައިވެރިން ބުނެފިއެވެ.
އެމުޒާހަރާގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީދާއިރާގެ ކުރީގެ މެންބަރ އަޙުމަދު ރަޝީދު ވިދާޅުވީ ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ރައީސް ޔާމީނަށް ދޭންޖެހޭނީ ދޫނިދޫގައި ބަންދުކޮށްފައި މިހާރު ހުންނެވި އެމްޑީޕީގެ ރައީސް އަދި ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިނިވަންކޮށް މާލޭގެ ފަސްގަނޑަށް ފޮނުވުމުން ކަމަށެވެ.
އެކަމަށްޓަަކައި އެމްޑީޕީއާއި ޖޭޕީގެ މަޖިލިސް މެންބަރުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެކަންކުރެވޭނީ އެބޭފުޅުން މަޖިލީސް ތެރޭގައި ތިއްބަވައިގެން ކުރައްވާ ހިތްވަރެއްގެ ސަބަބުން ކަމަށްވެސް ވިދާޅުވިއެވެ. މަޖިލީހުގައި ތިއްވައިގެން ރައީސް ޔާމީނާއެކު ކޮފީ ބެއްލެވުމަކުން އެކަންނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންނަށް ހިތްވަރުދީ މަގުމައްޗަށް ނިކުންނަން ވިދާޅުވިޔަސް މަޖިލިސް މެންބަރުން އެތެރޭގައި ތިއްބައިވައިގެން ހިތްވަރުނުކުރައްވާ ކަމަށްވާނަމަ އެކަމެއް ނުވާނެ ކަމަށްވެސް އަޙުމަދު ރަޝީދު ވިދާޅުވިއެވެ. އެކަން ކުރުމުގައި އެމްޑީޕީއާއި ޖޭޕީގެ މެންބަރުން ފަހަތަށްޖެހިވަޑައި ނުގެންނެވުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.
މިރޭގެ މުޒާހަރާގައި ވާހަކަ ދައްކަވަމުން ޖޭޕީގެ ކައުންސިލް މެންބަރ އިމާދު ސާލިހު ވިދާޅުވީ ރައީސް ނަޝީދާއި، ކާނަލް ނާޒިމާއި، މަޖިލިސް މެންބަރ ޢަލީ ޢާޒިމް މިހާރުވަނީ ފުލުހުންގެ ހައްޔަރުގައި ކަމަށެވެ. އެބޭފުޅުން މިނިވަން ނުކުރާހާ ހިނދަކު މާދަމާގެ ރިޔާސީ ބަޔާން އިއްވުމުގެ ފުރުސަތު ރައީސް ޔާމީނަށްދީގެން ނުވާނެ ކަމަށެވެ.
މުޒާހަރާގެ ބައެއް މެންބަރުން ބުނެފައިވަނީ މާދަމާގެ ރިޔާސީ ބަޔާން އިއްވުމަށް ރައީސް ވަޑައިގަންނަވާއިރު ރައްޔިތުންގެ އަޑު އެމަނިކުފާނަށް އިއްވުމަށް ދާންޖެހޭނެ ކަމަށެވެ. ރައީސް ޔާމީން އިއްވަންޖެހޭ ރިޔާސީ ބަޔާނުގައި ހިމަނުއްވަންޖެހޭނީ އެމަނިކުފާނުގެ ޚިޔާނާތުގެ މައްސަލަ ކަމަށްވެސް ބައެއް ބައިވެރިން ބުނެފައިވެއެވެ. ޖޭޕީގެ މެންބަރ ސަބާހު ރަޝީދު ބުނީ ރައީސް ޔާމީންގެ ސައިޒު އެމަނިކުފާނަށް މަޖިލީސް މެންބަރުން މާދަލާ ދައްކައިދޭން ޖެހޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީދާއިރާގެ ކުރީގެ މެންބަރ ނާޒިމް ވިދާޅުވީ އަދިވެސް ރައްޔިތުންގެ ބޮޑު ތާއީދެއްއޮތީ ރައީސް ނަޝީދަށް ކަމަށެވެ. ރައްޔިތުންގެ އެހައި ބޮޑުތާއިދެއްއޮތް ސިޔާސީ ލީޑަރަކު ބަންދުގައި ބަހައްޓައިގެން މަދަމާގެ ރިޔާސީ ބަޔާން ރައީސް ޔާމީނަށް އިއްވިޔަ ދީގެން ނުވާނެ ކަމަށެވެ.އޭނާ ވިދާޅުވީ ކޯނީ ރިޕޯޓް ބުނާގޮތުންނަމަ ރައީސް ޔާމީންގެ ސަރުކާރުގައި ޤާނޫނީ ހައިސިއްޔަތެއް ނެތްކަމަށެވެ. ރައީސް ނަޝީދު ބަންދުކުރުމަކުން ރައްޔިތުންނަށް ލިބޭނެ ފައިދާއެއްވެސްނެތް ކަމަށާއި ފައިދާއެއްކުރާނީ އެމަނިކުފާނު މިނުވަން ކުރެއްވުމުން ކަމަށެވެ.
އޭނާ ވިދާޅުވީ ރައީސް ނަޝީދު ދޫކޮށްލަންދެން މުޒާހަރާ ކުރުމަށް ޤަރާރެއް ފާސްކުރުމަށް އެމްޑީޕީގެ ޤައުމީ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ.
މިރޭގެ ޖަލްސާގައި ފޭދޫދާއިރާގެ ކުރީގެ މެންބަރ އަލްހާން ފަހުމީ ވިދާޅުވީ މާދަމާ ބާއްވާ މަޖިލިސް ހުއްޓުވަންވެސް ދާންޖެހޭނެ ކަމަށެވެ. އަދި ޕްރޮސެކިޔުޓަރ ޖެނެރަލް އެމަނިކުފާނުގެ އޮފީހުން ބޭރުކުރަންވެސް ދާންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު