މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މަރުކަޒުތައް ޚަރަދުކުޑަކޮށް ހިންގަން ނިންމައިފި
މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާދޭ މަރުކަޒުތައް މިހާރަށްވުރެ ޚަރަދުކުޑަކޮށް، އަދި ހަރުދަނާކޮށް ހިންގަން ކެބިނެޓުން މިއަދު ނިންމައިފިއެވެ.
މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ އެ މަޖިލީހަށް ނޭޝަނަލް ޑްރަގް އެޖެންސީއިން ހުށަހަޅައިފައިވާ ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށްފަހުއެވެ.
މިހާރުހުރި މަރުކަޒުތަކަށް ދައުލަތުން ކުރަންޖެހޭ ހޭދަ ބޮޑުވުމާއި، އެތަންތަން ހިންގުމުގައި ދިމާވެފައިވާ މައްސަލަތަކާ ގުޅޭގޮތުންވެސް މިއަދުވަނީ މަޝްވަރާ ކޮށްފައެވެ.
މީގެއިތުރަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއިން ހުށަހަޅުއްވާފައިވާ 'ދޯހާ އެމެންޑްމެންޓް' ރާއްޖެއިން ރަސްމީކޮށް ބަލައިގަތުމާ ބެހޭގޮތުންވެސް ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ. އަދި، ކިޔޯޓޯ ޕްރޮޓޮކޯލުގެ ދަށުން ޤާއިމްކުރެވިފައިވާ 'ދޯހާ އެމެންޑްމެންޓް' ވީ އެންމެ އަވަސް މުއްދަތެއްގެ ތެރޭގައި ރާއްޖެއިން ބަލައިގަތުމަށް ފެނިވަޑައިގަންނަވާކަމަށްވެސް ވަޒީރުންގެ މަޖިލީހުގެ މެމްބަރުންގެ އިއްތިފާޤުން ވަނީ ނިންމަވާފައެވެ.
'ދޯހާ އެމެންޑްމެންޓް' އަކީ، ރާއްޖެއިން ބައިވެރިވެ ތަސްދީޤުކޮށްފައިވާ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއެއްކަމުގައިވާ 'ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް' (ޔޫ.އެން.އެފް.ސީ.ސީ.ސީ) އާއި މި މުޢާހަދާގެ ދަށުން އެކުލަވާލެވިފައިވާ ކްޔޯޓޯ ޕްރޮޓޮކޯލަށް އުނިއިތުރު ގެނައުމުގެ ދެވަނަ މަރުޙަލާ (ސީ.ޕީ.2) ކަމަށްވެސް ރައީސް އޮފީހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު