ދެން ކުރިއަށްދާނީ ރައީސް ނަޝީދާއި ސިޔާސީ އެހެންބޭފުޅުން މިނިވަން ކުރުމަށް ގޮވައިލާ ހަރަކާތްތަކެއް -ޝީފާޒު

image

އެމްޑީޕީއާއި ޖޭޕީން ހުކުރު ދުވަހު ބޭއްވި ބޮޑު އެއްވުމަކީ ވަރަށް ކާމިޔާބު އެއްވުމެއް ކަމަށާއި ދެން ކުރިއަށްދާނީ ރައީސް ނަޝީދާއި ސިޔާސީ އެހެންބޭފުޅުން މިނިވަން ކުރުމަށް ގޮވައިލައި ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށް އެމްޑީޕީގެ ނާއިބު ލީޑަރ މުޙައްމަދު ޝީފާޒު ވިދާޅުވެއްޖެއެވެ.

ޝިފާޒު މިހެން ވިދާޅުވީ ނޫސްވެރިނަށް މައުލޫމާތު ދެއްވުމަށް މ. ކުނޫޒުގައި މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.

ސަރުކާރުން މިހާރު ބަންދުކޮށްފައިވާ ސިޔާސީ ލީޑަރުންގެ ތެރޭގައި ހިމެނެނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް (ރިޓަޔަރޑް) މުޙައްމަދު ނާޒިމާއި މެދުހެންވޭރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ޢަލީ ޢާޒިމެވެ.

އެދެޕާޓީން ބުނެފައިވަނީ އެބޭފުޅުންގެ އިތުރަށް މިގޮތަށް ހައްޔަރުކޮށްގެން ނުޙައްގުން އަދަބު ލިބޭ ނުވަތަ ދަޢުވާ ކުރެވޭ އެންމެން މިނިވަންކޮށް އެމީހުންނަށް ލިބެންވާ ޙައްގުތައް ހޯދައިދިނުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

ހުކުރު ދުވަހު ބޭއްވި އެއްވުމަށްފަހު އެމަންޒަރާއި، އަޑުތައް ސަރުކާރަށް އިވި އަދި ފެނިފައިވާ ކަމަށް ހޯމްމިނިސްޓަރ ޢުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ. އެއީ އެމްޑީޕީއާއި ޖޭޕީއަށް ލިބިގެންދިޔަ ހިތްހަމަޖެހުމެއް ކަމަށްވެސް އެދެޕާޓީން ވަނީ ބުނެފައެވެ. އެހެން ކަމުން އެދެޕާޓީން ހުށަހަޅާފައިވާ 13 ޑިމާންޑު ފުރިހަމަ ކޮށްދިނުމަށް ސަރުކާރަށް މުހުލަތެއް ދޭންވެސް އެދެޕާޓީންވަނީ ނިންމާފައެވެ. ނަމަވެސް ސަރުކާރުން ބުނެފައިވަނީ އެދެޕާޓީގެ ހުށަހެޅުންތަކަކީ އެއްވެސް އަސާސެއްނެތް ޑިމާންޑްތަކެއް ކަމަށެވެ.

ސަރުކާރުން އެކަންކަން ފުރިހަމަ ކުރަންދެން ސުލްހަވެރި ސިޔާސީ ޙަރަކާތްތައް ހިންގާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ފޮރިން އެންޑް ޕަބްލިކް އެފެއާޒް އެގްޒެކެޓިވް ސަބާހު ރަޝީދު ވިދާޅުވިއެވެ.

އެމްޑީޕީއާއި ޖޭޕީން ބުނެފައިވަނީ ހުކުރު ދުވަހުގެ އެއްވުމުގައި ގިނަ ޢަދަދެއްގެ މީހުން ބައިވެރިވެ ކަންތައްތަކަށް ސަރުކާރަށް ގޮވައިލެއްވުމުން އެކަންކަން ފުރިހަމަ ނުކޮށް ސަރުކާރާއި، ރައީސް ޢަބްދުﷲ ޔާމީނަށްވެސް ކުރިއަށް ވަޑައިގަންނަވަން ފަސޭހަފުޅު ނުވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް