މިއަދުގެ މުޒާހަރާގައި ކުރިއަށްދާނެ ކަންކަންވާނީ ފުލުހުންނާ ހިއްސާކޮށްފައި-ޢަލީ ވަޙީދު
އެމްޑީޕީއާއި ޖޭޕީ ގުޅިގެން މާލޭގައި މިއަދު ހަވީރު ބާއްވާ ބޮޑު އެއްވުމުގައި ކުރިއަށްދާނެ ކަންކަމާ ބެހޭ މަޢުލޫމާތު މިހާރުވާނީ ފުލުހުންނާ ޙިއްސާ ކޮށްފައި ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ޢަލީ ވަޙީދު މިއަދު ވިދާޅުވެއްޖެއެވެ.
އޭނާ ވިދާޅުވީ މިއަދުގެ އެއްވުމަކީ ޤާނޫނީ އިމުގެ ތެރެއިން ބާއްވާ ސުލްހަވެރި މުޒާހަރާއެއް ކަމަށެވެ. ސަރުކާރާ ދެކޮޅަށް ވަރަށްގިނަ މީހުން ތިބިކަން މިއަދުގެ މުޒާހަރާއިން ފެނިގެންދާނެ ކަމަށްވެސް ޢަލީ ވަޙީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖެ މިއަދުވެސް ދެކޭނީ ތާރީޚީ ދުވަހެއްގެ ގޮތުގައި ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އަދި މިއަދުގެ އެއްވުމަކީ ޤާނޫނީ އިމުގެ ތެރޭގައި ކުރިއަށް ގެންދާނެ ޙަރަކާތެއް ކަމަށް ފުލުހުންވެސް ޤަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިއަދަކީ ރައްޔިތުންގެ އަޑު ސަރުކާރަށް އިއްވާނެ ދުވަސް ކަމަށާއި އެއަޑުތައް އެއްސެވުމަށްފަހު ރައީސް ޔާމީން ރަނގަޅު ގޮތްތަކެއް ނިންމަންޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.
ޖޭޕީގެ ނާއިބު ލީޑަރ އަމީން އިބްރާހީމް ވިދާޅުވީ މިއަދު އެއްވުމުގައި ޤާނޫނާއި، ޤާނޫނު އަސާސީއާ ޚިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. މިއެއްވުމުގައި ޤާނޫނީ އިމުން ބޭރުގެ އެއްވެސް ޢަމަލެއް ނުހިންގާނެ ކަމަށްވެސް އޭނާ ވިދާޅުވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު