ހުކުރުދުވަހާއި އެރޭ މަސައްކަތް ކުރާނީ މިވެރިކަމުން ރައްޔިތުން ސަލާމަތް ކުރަން-ޝިފާޒު
މިމަހުގެ 27 ވާ ހުކުރުދުވަހާއި އެރޭ މަސައްކަތްކުރާނީ "އަނިޔާވެރި މިވެރިކަމުން" ރައްޔިތުން ސަލާމަތް ކުރުމަށް ކަމަށް އެމްޑީޕީގެ ނާއިބު ރައީސް މުޙައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ-ޖޭޕީ އިން ބާއްވާ ސިލްސިލާ އެއްވުމުގެ ތެރެއިން މިރޭ ބޭއްވި އެއްވުމުގައި ޝިފާޒު ވިދާޅުވީ 27 ވަނަ ދުވަހުގެ ހަރަކާތްތައް ބުރާސްފަތި ދުވަހުގެރޭ ޢިޝާ ނަމާދަށްފަހު ފެށޭނެ ކަމަށެވެ. އަދި އެރޭ ފަތިސް ނަމާދަށްފަހު އެޙަރަކާތް އެއަށްވުރެ ފުޅާވާނެ ކަމަށެވެ. އަދި ހަވީރުވާއިރު މުޅިރާއްޖެއަށް ފުޅާވެގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ މިހާރުގެ އެއްވުންތަކާ ގުޅިގެން ސަލާމަތީ ބާރުތަކުން އެންމެ ކަންބޮޑުވާ ކަމަކީ "ވެރިކަން ވައްޓާލާނެ" ވާހަކަ ބުނާތީ އެވެ. އެކަމަކުވެސް ވެރިކަން ބަދަލުކުރާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ. އެކަންކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަަމަށްވެސް ވިދާޅުވިއެވެ.
2012 ވަނައަހަރު ފެބުރުއަރީމަހުގެ 7 ވަނަދުވަހުވެސް ވެރިކަން ބަދަލުކުރީ މިހާރުގެއޮތް ގާނޫނޫއަސާސީ އޮތްގޮތަށް އޮއްވައި ކަމަށް ޝިފާޒު ވިދާޅުވިއެވެ. އެގޮތަށް ވެރިކަން ބަދަލުކުރެވޭނެ ކަމުގެ ނަމޫނާއަކީ ކޯނީ ރިޕޯޓު ކަމަށްވެސް ވިދާޅުވިއެވެ.ޝިފާޒު ވިދާޅުވީ ހުކުރު ދުވަހުގެ ބޮޑުއެއްވުމަށް މިހާރުވެސް ރަށްރަށުން މާލެ އަންނަމުންދާ ކަމަށެވެ. އެމީހުން ކަނޑުފަޅު ހުރަސްކޮށް މާލެ އަންނަނީ އެތައްބުރަ މަސައްކަތުން ހޯދައިފައިވާ ގާނޫނޫ އަސާސީ ހިމާޔަތްކުރަން ކަމަށްވެސް ވިދާޅުވިއެވެ. އެހެން ކަމުން އެމީހުން ދަތުރަށް ސަލާމަތީ ބާރުތަކުން ހުރަސް އަޅައިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ހާލަތު މިހާރުއޮތް ގޮތުން މިއީ ގައުމެކޭ ބުނަން ދިވެހިން މިހާރު ލަދުގަންނަ ކަމަށެވެ. ދައުލަތުގެ ޕީޖީވެސް ރައީސް ޔާމީން ވިދާޅުވާހާ ގޮތަކަށް ކަންކަން ކުރާ ކަމަށްވާނަމަ ގައުމުއަތަކު ނުޖެހޭނެ ކަމަށް ވިދާޅުވިއެވެ. އެހެން ކަމުން އެމްޑީޕީއާއި ޖޭޕީން ނިކުމެތިބީ ސިޔާސީ ލީޑަރުންނާއި، ސިޔާސީ ޕާޓީތަކާއި، ގައުމުގެ ދިފާއުގައި ކަމަށް ޝިފާޒު ވިދާޅުވިއެވެ.
ޝިފާޒު ވިދާޅުވީ ފެބްރުއަރީ 27 ވެގެންދާނީ ބޮޑު ދުވަހަކަށް ކަމަށެވެ. އެހެން ކަމުން މިސަރުކާރުގެ ސައިޒު އެދުވަހު ދައްކާލާނެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިހާރު ރާއްޖޭގައި އަމަލު ކުރަމުންދާ ގާނޫނު އަސާސީ ބައްޓަން ކޮށްފައިވަނީ ރައްޔިތުންނަށް ހައްގުތައް ހޯދައިދިނުމަށް ކަމަށެވެ. ނަމަވެސް އޭގައި ބުނެފައިވާ އެއްވެސް ހައްގެއް މިހާރު ނުލިބޭ ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ރައްޔިތުންނަށް ވަރަށް ބޮޑަށް އޮޅުވާލައްވައިގެން ކަމަށްވެސް ޝިފާޒު ވިދާޅުވިއެވެ. އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވި ފަހުން 17000 ވަޒީފާ އުފެއްދިފައިވާ ކަމަށް ވިދާޅުވާއިރު 1700 ވަޒީފާވެސް އުފެއްދިފައި ނުވާ ކަމަށް ވިދާޅުވިއެވެ. އުފައްދާފައިވާނަމަ ތަފްސީލް ހާމަކުރުމަށްވެސް އޭނާ އެދިވަޑައިގެންނެވިއެވެ.
ޝިފާޒު ވިދާޅުވީ ސިޔާސީ ބޭފުޅުންނާމެދު މިސަރުކާރުން މިހާރު ހިންގަމުން ގެންދަނީ ލާއިންސާނީ ޖަރީމާ ކަމަށެވެ. އެހެން ކަމުން އެކަން ހުއްޓާލުމަށް އޭނާ ސަރުކާރަށް ގޮވައިލެއްވިއެވެ. އަދި ރައީސް ނަޝީދާއި ކާނަލް ނާޒިމް މިނިވަން ކުރުމަށްވެސް ގޮވައިލެއްވިއެވެ.
ކިޔުންތެރިންގެ ހިޔާލު