ހުކުރު ދުވަސްވެގެންދާނީ ތާރީޚުގައި ލިޔެވިގެންދާނެ ދުވަހަކަށް-ޢަލީ ވަޙީދު
މިމަހުގެ 27 ވާ ހުކުރު ދުވަސް ވެގެންދާނީ ރާއްޖޭގެ ތާރީޚުގައި ލިޔެވިގެންދާނެ ދުވަހަކަށް ކަމަށް އެމްޑީޕީގެ ޗެއާރޕާސަން ޢަލީ ވަޙީދު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވީ އެމްޑީޕީގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. އެދުވަސް ތާރީޚުގައި ލިޔެވިގެންދާނެ ކަމަށް ވިދާޅުވި ވިދާޅުވުމުގެ ޚާއްސަ ތަފްސީލެއް އޭނާ ނުދެއްވައެވެ. އަދި އެދުވަހު ހިނގާނެ ކަންތައްތަކާ ބެހޭ ގޮތުންވެސް ތަފްސީލެއް ނުދެއްވައެވެ.
ޢަލީ ވަޙީދު ވިދާޅުވީ ސަރުކާރުން މިހާރު ކަންކަން ކުރަމުން ގެންދަނީ ޤާނޫނާ ޚިލާފަށް ކަމަށެވެ. އެހެން ކަމުން ސަރުކާރު ޤާނޫނީ އިމުގެތެރެއަށް ވެއްދުމަށްޓަކައި މިމަހު 27 ވަނަ ދުވަހު ރާއްޖޭގެ ހުރިހާ ރަށެއްގައި ސުލްޙަވެރިކަމާއެކު އިހްތިޖާޖު ކުރުމަށް އޭނާ ގޮވައިލެއްވިއެވެ. އަދި އެޙަރަކާތުގައި ވީހާވެސް ގިނަ މީހުން ބައިވެރިވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.
އެމްޑީޕީއާއި ޖޭޕީންވަނީ ވީހާވެސް ގިނަމީހުން މިމަހުގެ 27 ވަނަ ދުވަހަށް މާލެއައުމަށް ގޮވާލައިފައެވެ. އެއީ ސަރުކާރު ޒިންމާދާރު ކުރުވުމަށް ބާއްވާ ބޮޑުއެއްވުމުގައި ބައިވެރިވުމަށް ކަމަށްވެސް އެދެޕާޓީން ބުނެފައިވެއެވެ. މާދަމާއިން ފެށިގެން ރަށްރަށުން މީހުން އަންނާނެއެވެ. އެމީހުންގެ ކަންކަން ޕާޓީގެ ގޮފިތަކުން ކުރަމުން ގެންދާނެއެވެ.
ޢަލީ ވަޙީދު ވިދާޅުވީ ރައީސް ނަޝީދު ދޫކޮށްލަންދެން އެމްޑީޕީއާއި ޖޭޕީން މިހާރު ކުރަމުން ގެންދާ އިހުތިޖާޖު ކުރިއަށް ގެންދާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު