ރައީސް ނަޝީދު ހައްޔަރުކޮށްގެން ދޫނިދޫއަށް ގެންގޮސްފި
އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުން ހައްޔަރު ކޮށްފި އެވެ.
އިދިކޮޅު އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުލުހުން ހައްޔަރު ކޮށްފި އެވެ.
އެމަނިކުގެފާނުގެ އަނބިކަނބަލުންގެ ގެކޮޅު މ. ޔާގޫތުގޭގައި ހުންނަވަނިކޮށް މިއަދު ހަވީރު ތިނެއް ޖަހާކަންހާއިރު ރައީސް ނަޝީދު ހައްޔަރު ކޮށްގެން ފުލުހުން ވަނީ ދޫނިދޫއަށް ގެންގޮސްފަ އެވެ.
އެމަނިކުފާނު ހައްޔަރުކޮށްފައި މިވަނީ، 2012 ވަނަ އަހަރު އެމަނިކުފާނުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބުދުﷲ މުހައްމަދު ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ހައްޔަރު ކުރި މައްސަލައިގައި ދައުލަތުން އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ ޓެރަރިޒަމްގެ ކުށުގެ ދައުވާ އާއި ގުޅިގެން ފުލުންގެ މައްޗަށް ކުރިމިނަލް ކޯޓުން ކުރި އަމުރަކާ ގުޅިގެންނެވެ.
ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރުގައި ބުނެފައިވަނީ، "ވީ އެންމެ އަވަހަކަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމަށް މޯލްޑީވްސް ޕޮލިސް ސާވިސްގެ މައްޗަށް އަމުރުކުރާ ކަމަށެވެ. އަދި ރައީސް ނަޝީދު ޝަރީއަތަށް ފިލައިފާނެ ކަމުގެ ހެތްކާއި ގަރީނާގެ ގޮތުގައި ކޯޓު އަމުރުގައި ބަޔާންކޮށްފައިވަނީ، "ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓުގައި މައްސަލަ ހިނގިއިރު ކަން ހިނގާފައިވާ ގޮތާއި ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓް" ފުދޭނެ ކަމަށެވެ.
ރައީސް ނަޝީދު ހައްޔަރު ކުރުމަށް އެސްއޯ ފުލުހުން ޔާގޫތު ގެއަށް ގޮސް އެމަނިކުފާނު ފުލުހުންގެ ވެހިކަލަށް އެރުވުމުން އެމަނިކުފާނު ގެންދިއުމަށް އާއްމުންގެ ބަޔަކު ހުރަސް އެޅިއެވެ.އެންމެ ފަހުން ރައީސް ނަޝީދު ގޮވައިގެން ފުލުހުންގެ ވެހިކަލަށް އެ ސަރަހައްދުން ނިކުމެވުނީ، އެ ސަރަހައްދަށް އެއްވި ރައީސް ނަޝީދަށް ތާއީދު ކުރާ މީހުންނާ ދެކޮޅަށް ކަރުނަ ގޭސް ބޭނުންކޮށްގެން ދުރަށް ޖެއްސުމަށް ފަހުގަ އެވެ.
އެ މައްސަލައިގައި އެހިސާބަށް އެއްވި މީހުންނާއި ފުލުހުންނާ ދެމެދު ވަނީ ކޮންމެސް ވަރަކަށް ހަމަނުޖެހުންވެސް ހިނގައިފަ އެވެ.
ރައީސް ނަޝީދު ހައްޔަރު ކޮށްގެން ގެންދިއުމުން އެ ސަރަހައްދަށް އެއްވި މީހުންގެ ތެރެއިން ބައެއްމީހުންވަނީ ޖުމްހޫރީ މައިދާނަށް ދިއުމަށްޓަކައި ޗާނދަނީ މަގާއި އެ ސަރަހައްދުގެ ބައެއް މަގު ތަކާއި ގޯޅިތަކަށް އެއްވެފަ އެވެ. ނަމަވެސް ފުލުހުން ވަނީ އެ ސަރަހައްދު ބަންދުކޮށްފަ އެވެ.
ކިޔުންތެރިންގެ ހިޔާލު