ކިނބޫ އާލާވެދާނެ މާހައުލުތައް ރާއްޖޭގައި އެބަހުރި –އީޕީއޭ
ކިނބޫ އާލާވެދާނެ ފަދަ މާހައުލުތައް ރާއްޖޭގައި އެބަހުރި ކަމަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ބުނެފިއެވެ.
ކިނބޫ އާލާވެދާނެ މާހައުލުތައް ކަމަށް އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނަޢީމް ވިދާޅުވީ ފެންގަނޑުތަކާއި، މޫދާއި، އެއްގަމުގެ ބައެއް ސަރަހައްދުތައް ކަމަށެވެ. ރާއްޖޭގެ ރަށްތައް އުފެދިފައިވާ ގޮތުން އެއްގަމުން މޫދަށް މޫދަށް އެއްގަމަށް ފަސޭހައިން ފުންމާލުމުގެ ފުރުސަތުވެސް އެބައޮތް ކަމަށް ނަޢީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖެއިން މިހާރު ފެންނަމުންދާ ކިނބޫ ތަކަކީ އިރުވައި މޫސުމަށް އަންނަ އެއްޗެއް ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް މިހާރު ފެންނަމުންދާ އަދަދަށް ފެންނަންޖެހޭ ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ. "ފެންނަ ކަމަށް ބުނާ ހުރިހާ އެއްޗެއް އަތެއް ނުވޭ. އެހެންވީމާ އެކި ރަށްރަށުން ފެންނަނީ އެކައްޗެއް ކަމެއް ނުވަތަ އާ އެއްޗެއް ކަމެއް ކަށަވަރެއް ނުުކުރެވޭ،" ނަޢީމް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންޑޮނޭޝިޔާ، ފިލިޕީންސް ފަދަ ގައުމުތަކުގެ ޖަޒީރާ ރަށްރަށުގެ މާހައުލުތަކުގައިވެސް ކިނބޫ އުޅޭ ކަމަށެވެ. އެހެން ކަމުން ރާއްޖެއަކީވެސް ޖަޒީރާ ގައުމަކަށްވާތީ ބައެއް މާހައުލުތަކުގައި ކިނބޫ އާލާވެދާނެ ކަމަށް ބެލެވޭ ކަމަށެވެ. ނަމަވެސް އެއީ އާލާވަމުންދާ ވާހަކަ ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖެއިން ކިނބޫ ފެންނަމުންދާ ކަމަށް ރިޕޯޓު ކުރަމުންދާތީ އެފަދަ އެއްޗެއްސާ މެދު އަމަލު ކުރާނެ ގޮތަކާމެދު މިއަދުވެސް އެމްއެންޑީއެފްއާއެކު މަޝްވަރާކޮށް އިރުޝާދު ދީފައިވާނެ ކަމަށް ނަޢީމް ވިދާޅުވިއެވެ.
ރާއްޖެއިން ފެނިފައިވާ ކިނބުލަކީ ނެތިދާނެ ކަމުގެ ބިރުއޮތް ޖަނަވާރުތަކުގެ ތެރޭގައި ހިމެނޭ އެއްޗެއް ނޫންކަމަށްވެސް ނަޢީމް ވިދާޅުވިއެވެ. އެހެން ކަމުން ރާއްޖެއަށް އެންމެ ރަނގަޅުވާނީ އެއެއްޗެހި "ނައްތައިލުން ނުވަތަ ރާއްޖެއިން ބޭރުކުރުން" ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިފަދަ ކަންކަމާ ގުޅޭ ގޮތުން ފޯނުންވެސް އެމްއެންޑީއެފްއަށް ލަފާ ދެމުން ގެންދާ ކަމަށެވެ. ނަމަވެސް ކިނބުލާ ބެހޭ ގޮތުން ޢަމަލުކުރަންވީ ގޮތް ލިޔުމުން އެމްއެންޑީއެފްއަށް އަންގާފައި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު