ގާނޫނު އަސާސީގެ ހިމާޔަތުގައި މަސައްކަތް ކުރަނީ "ބަޔަކު ގަތުލުކުރަން" : ޝިޔާމް
ގާނޫނު އަސާސީގެ ހިމާޔަތުގައިކަމަށްބުނެ މަސައްކަތްކުރާ ފަރާތްތަކުން މަސައްކަތްކުރަނީ "ބަޔަކު ގަތުލު ކުރަން" ކަމަށް މޯލްޑިވިސް ޑެވެލޮޕްމަންޓު އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަހުމަދު (ސަން) ޝިޔާމު ވިދާޅުވެއްޖެއެވެ.
ގާނޫނު އަސާސީގެ ހިމާޔަތުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) ކުރަމުން އަންނަ މަސައްކަތްތަކަށް ފާޑު ވިދާޅުވަމުން، ޝިޔާމް ވިދާޅުވީ "ސުލްހަމަސަލަސްކަން ނަގާލައި އަމާންކަން ނަގާލައި ޒާތީ ގޮތުން ޖައްސާލައި ހަސަދަ ފަސާދަވެރިކަމަށް ވުރެ ގަތުލުކުރުން ރަނގަޅޭ ބުނާ ފަދައިން އެ މީހުން އުޅެނީ ބަޔަކު ގަތުލުކުރަން،" ކަމަށެވެ.
ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން ޝިޔާމް ވިދާޅުވީ، ޗާޓުން ބޭރުވެގެން މަސައްކަތް ކުރި ބަޔަކަށް ގާނޫނު އަސާސީ ހިމާޔަތުގައި މަސައްކަތްކުރެވޭނެކަމަށް ގަބޫލުނުކުރެވޭކަމަށެވެ. އެމްޑީޕީއާއި ޖުމްހޫރީ ޕާޓީގެ ކޯލިޝަނުން މަސައްކަތްކުރަމުން އަންނަނީ ދިވެހިރާއްޖޭގެ އަމަން އަމަންކަން ނަގައިލަންކަމަށް ވެސް އޭނާ ތުހުމަތުކުރެއްވިއެވެ. އެހެންކަމުން އެ މަސައްކަތް ކާމިޔާބުވިޔަ ދީގެން ނުވާނެކަމަށް ވެސް ޝިޔާމު ވިދާޅުވިއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވިސް (ޕީޕީއެމް) އާއި އެމްޑީއޭ އެކުވެގެން ހިންގަމުން އަންނަ ސަރުކާރުގައި އެއްވެސް ދިވެހި ރައްޔިތެއްގެ މިނިވަންވެސް އަދި އަސާސީ ހައްގެއް ވެސް އުނިނުވާނެކަމަށް ޝިޔާމް ވިދާޅުވިއެވެ. އަދި އިދިކޮޅު ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކީ "ހަގީގަތާ ހިލާފު" އެއްވެސް އޮއްޓަރެއް ނެތް ވާހަކައެއް ކަަމަށް ވެސް ޝިޔާމު ވިދާޅުވިއެވެ.
އެމްޑީއޭގެ ކޮންގްރެސްގައި އެޕާޓީގެ ރައީސް، ނައިބު ރައީސް، އަމީންއާއްމާއި ޒުވާނުންގެ ގޮފީގެ ރައީސްކަމުގެ މަގާމަށް ބޭފުޅުން އައްޔަނުކުރުމަށް ވަނީ ނިންމައިފައެވެ.
ކިޔުންތެރިންގެ ހިޔާލު