މަޝްވަރާތަކުގައި ބައިވެރިނުވާން އަދާލަތުޕާޓީން ނިންމައިފި
ގާނޫނުއަސާސީ ހިމާޔަތް ކުރުމުގެ ނަމުގައި، ސަރުކާރާ ދެކޮޅު ހަރަކާތްތަކެއް ހިންގުމަށް ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީ ގުޅިގެން ކުރިއަށް ގެންދާ މަޝްވަރާތަކުގައި، މިވަގުތު ބައިވެރިވާން ނުފެންނަކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ނިންމާފައިވާ ކަމަށް އެ ޕާޓީން ބުނެފި އެވެ.
މިކަން ހާމަކޮށް އަދާލަތު ޕާޓީން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ، ގައުމުގެ ކަންކަން ހިނގަމުންދާގޮތް ވަރަށް ކައިރިން ބަލަމުންދާ ކަމަށެވެ. އަދި ގައުމާއި ރައްޔިތުންގެ މަސްލަހަތު ހުރި ކަންކަމުގައި މަޝްވަރާ ކުރަން ޖެހިއްޖެ ހާލަތެއްގައި ސަރުކާރާއި އަދި ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރުމުގެ ރިވެތި އުސޫލު އަދާލަތު ޕާޓީން ދަމަހައްޓާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މީގެ އިތުރަށް އިސްލާމް ދީނަށާއި ގާނޫނުއަސާސީ އާއި ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އެންމެހާ ފަރާތްތަކަށް ގޮވާލާ ކަމަށްވެސް އަދާލަތު ޕާޓީގެ ނޫސް ބަޔާނުގައި ވެއެވެ.
ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރުން ގާނޫނުއަސާސީއާކުޅެ ގާނޫނުއަސާސީއަށް ބަދަލު ގެނައުމުގެ އިތުރަށް ގާނޫނުއަސާސީއާ ހިލާފް އެތައްކަމެއް ކުރަމުން ގެންދާ ކަމަށްބުނެ، ޖުމްހޫރީ ޕާޓީ އާއި އިދިކޮޅު އެމްޑީޕީ ގުޅިގެން ގާނޫނުއަސާސީ ހިމާޔަތް ކުރުމުގެ ނަމުގައި ސަރުކާރާ ދެކޮޅު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފަ އެވެ. އެ ހަރަކާތްތަކުގެ ތެރެއިން ދެ ޕާޓީ ގުޅިގެން ސިލްސިލާ ޖަލްސާތަކެއް ބޭއްވުމަށް ހަމަޖައްސައި ޖުމްހޫރީ ޕާޓީގެ ޖަހަގަ މ. ކުނޫޒުގައި މިރޭ ވަނީ ޖަލްސާއެއް ބާއްވައިފަ އެވެ.
އެ ޖަލްސާގައި ދެ ޕާޓީން ބުނެފައިވަނީ، ގާނޫނުއަސާސީއާ ހިލާފަށް ކަންކަން ކުރުމުގެ ފުރުސަތު ސަރުކާރަށް ނުދޭނެ ކަމަށާއި، ރައީސް އަބުދުﷲ ޔާމީންގެ ސަރުކާރު "ބިމަށް ތިރިކޮށް" ދާދި އަވަހަށް ސަރުކާރު ވައްޓާލާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު