ވެލިދޫ ދާއިރާގެ މެމްބަރު ޕީޕީއެމްއަށް ސޮއިކުރައްވައިފި
ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ޕީޕީއެމަށް ސޮއިކުރައްވައިފިއެވެ.
އެމްޑީޕީ މެމްބަރެއްގެ ގޮތުގައި މަޖިލީހަށް ހޮވި ވަޑައިގެންނެވި ޔާމީން ޕީޕީއެމަށް ސޮއިކުރެއްވީ މިރޭ ޕީޕީއެމުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާއެއްގައެވެ.
އޭނާ ޕީޕީއެމާ ގުޅިވަޑައިގަންނަވަމުން ވިދާޅުވެފައިވަނީ، އެމްޑީޕީ ދޫކުރައްވަން ނިންމެވީ އެ ޕާޓީން ޒުވާނުންނަށް ފުރުސަތު ނުދޭތީ ކަމަށެވެ. އަދި އެމްޑީޕީގެ ތްރީލައިން ވިޕާ ހިލާފުވެގެން އޭނާއާމެދު އެމްޑީޕީން އަޅާފައިވާ ފިޔަވަޅުތަކަކީ ނުހައްގުން އަޅާފައިވާ ފިޔަވަޅުތަކެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"މިދުވަސްވަރަކީ ސިޔާސީ އެކި ބޭފުޅުންގެ ވާހަތައް ބަދަލުވަމުން އަންނަ ދުވަސްވަރެއް. ބާޣީން ޣާޒީންނަށް ވަމުން އަންނަ ދުވަސްވަރެއް،" ޔާމީން ވިދާޅުވިއެވެ.
ޕީޕީއެމާ ޖުމްހޫރީ ޕާޓީގެ ދެ މެމްބަރަކުވެސް ގުޅޭނެކަމަށް ޕީޕީއެމުން ބުނެފައިވެއެވެ. އެހެން ނަމަވެސް މިރޭގެ ޖަލްސާގައި ޖުމްހޫރީ ޕާޓީގެ އެއްވެސް މެމްބަރެއް ގުޅިފައެއްނުވެއެވެ.
މިއަދު ހަވީރު ޖުމްހޫރީ ޕާޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެފައިވަނީ، ޖުމްހޫރީ ޕާޓީގެ މަޖިލީސް އެއްވެސް މެމްބަރަކު ޕީޕީއެމާ ނުގުޅޭނެ ކަމަށެވެ. އޭގެ ބަދަލުގައި ޕީޕީއެމްގެ ބައެއް މެމްބަރުން ޖުމްހޫރީ ޕާޓީއާ ގުޅުމަކީ އެކަށީގެންވާކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު