އިންޑިއާއި ރާއްޖެއާއި ދެމެދު ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ދުންޔާ އެދިލައްވައިފި
ދިވެހިރާއްޖެއާ އިންޑިއާއި ދެމެދު އޮތް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމަށް އެދިލައްވާކަމަށް މިނިސްޓަރ އޮފް ފޮރިން އެފެއާޒް ދުންޔާ މައުމޫން އެދިލައްވައިފިއެވެ.
އިންޑިއާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ހަފުލާއެއްގައި ވާހަކަ ދައެްކަވަމުން ދުންޔާ ވިދާޅުވީ، ރާއްޖޭގައި އަލަށް ތައާރަފް ކޮށްފައިވާ ގާނޫނު ތަކުގެ ސަބަބުން ރާއްޖޭގައި ބޭރުގެ ވިޔަފާރިވެރިންނަށް ފަހި މާހައުލެއް އުފެދިފައިވާކަމަށެވެ. އަދި މި ދަނޑިވަޅަކީ އިންޑިއާގެ އައު އިންވެސްޓަރުން ރާއްޖޭގައި އިންވެސްޓު ކުރުމަށް ރަނގަޅު ދަނޑިވަޅެއްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
"އިންވެސްޓަރުންނަށް ރައްކާތެރި މާހައުލެއް ރާއްޖޭގައި މި އަންނަނީ އުފެދެމުން. މި ދަނޑިވަޅަކީ އިންޑިއާގެ ވިޔަފާރިވެރިންނަށް ރާއްޖޭގައި އިންވެސްޓު ކުރުމަށް ރަނގަޅު ދަނޑިވަޅެއް. ކުރިއަށް އޮތް ތަނުގައި އިންޑިއާގެ އައު އިންވެސްޓަރުންނަށް ރާއްޖެއިން ފެނިގެން ދިއުމަކީ އަޅުގަނޑުގެ އުންމީދެއް،" ދުންޔާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އިންޑިއާކީ ރާއްޖެއަށް އަބަދުވެސް އެކިގޮތްގޮތުން އެހީތެރިވަމުން އަންނަ ގައުމެއް ކަމަށެވެ. އެގޮތުން ދިވެހިންގެ ކުރިއެރުމަށް އިންޑިއާއިން ދެމުން އަންނަ އަހަންމިއްޔަތުކަން އޭނާ ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތް ތަނުގައި ވެސް ދިވެހިރާއްޖެއާ އިންޑިއާއި ދެމެދު ގުޅުން އިތުރަށް ބަދަހިވެގެން ދިއުމަކީ އެދިލައްވާކަމެއް ކަމަށް އެނާ ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު