ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ގާސިމް އިބްރާހިމަށް ޖުމްހޫރީ ޕާޓީން ބާރުތަކެއް ދީފި
ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ހިމާޔަތްކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ނިންމަންޖެހުނު ކޮންމެ ނިންމުމެއް ގާސިމް އިބްރާހިމް އަމިއްލަފުޅަށް ނިންމެވުމުގެ އިހުތިޔާރު އެ ޕާޓީން ދީފިއެވެ.
ޖުމްހޫރީ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން އެ ބާރުތައް ގާސިމް އިބްރާހިމަށް ދެއްވާފައިވާކަން އިއުލާނުކޮށްފައިވަނީ އެ ޕާޓީގެ ނައިބު ރައީސް އަމީން އިބްރާހިމެވެ.
ޖުމްހޫރީ ޕާޓީން އެ ބާރުތައް ގާސިމް އިބްރާހިމަށް ދެއްވާފައިވަނީ ކިހާ މުއްދަތަކަށްކަމެއް އަމީން ވިދާޅެއް ނުވެއެވެ. އެހެން ނަމަވެސް ގާނޫނު އަސާސީގެ ހިމާޔަތުގައި ނިންމަވަންޖެހުނު ކޮންމެ ނިންމެވުމެއް ނިންމެވުމުގެ އިހުތިޔާރު ގާސިމަށް ދެއްވާފައވާކަމަށް ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ ޖުމްހޫރީ ޕާޓީގެ މެމްބަރުންނާއި އެ ޕާޓީގެ އިސްވެރިންވެސް ތިއްބެވީ ގާނޫނު އަސާސީގެ ހިމާޔަތުގައި ކަމަށެވެ.
އަދި ގާނޫނު އަސާސީ ހިމާޔަތް ކުރުމަށް ރާއްޖޭގެ އެހެން ސިޔާސީ ޕާޓީއަކުން މަޝްވަރާކުރަން ބޭނުންނަމަ، އެ މަޝްވަރާތައް ކުރުމަށް ވެސް ޖުމްހޫރީ ޕާޓީން ތައްޔާރަށް އޮތް ކަމަށް ވެސް އަމީން ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު