އެލްޖީއޭގެ ރައީސް ކަމުން ނާޒިމް ވަކިކޮށްފި
ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ރައީސަކަށް ހުންނެވި ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމް އެމަގާމުން މިއަދު ވަކިކޮށްފިއެވެ.
މިނިސްޓަރ ނާޒިމްގެ އިތުރަށް ނާއިބު ރައީސް މޫސާ ނަސީރުވެސްވަނީ މަގާމުން ވަކިކޮށްފައެވެ. އެދެބޭފުޅުން މަގާމުން ވަކިކުރުމަށް މިއަދުގެ ބައްދަލުވުމަށް ހުށަހެޅުއްވީ އެދެބޭފުޅުން ހިންގާ ގަވާއިދަށް ހުރުމަތްތެރިކޮށް ނުހިތުމާއި، ލާމަރުކަޒީ ގާނޫނަށް ގޮންޖައްސަވާތީ ކަމަށެވެ.
މިނިންމުމާ ބެހޭ ގޮތުން މިނިސްޓަރ ނާޒިމް ވިދާޅުވެފައިވަނީ އެއި ސައްހަ ނިންމުމެއް ނޫން ކަމަށެވެ. އެއީ އެމަނިކުފާނުގެ އިތުބާރުނެތް ކަމުގެ ވޯޓު ނެގުމުގެ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ފަހުގެ ތާރީޚެއް ކަމަށްވެފައި މިއަދު ބޭއްވި ބައްދަލުވުމަކީ އިއްޔެ ބާއްވަން އުޅުނު ބައްދަލުވުމުގެ ބަދަލުގައި ބޭއްވި ބައްދަލުވުމަކަށްވާތީ ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމަށް ތާވަލް ކޮށްފައިވަނީ އިއްޔެގެ ބައްދަލުވުމަށް ތާވަލް ކުރެއްވި ކަންކަން ކަމަށްވެސް ވިދާޅުވެފައިވެއެވެ.
މިނިސްޓަރ ވިދާޅުވީ އެމަނިކުފާނުގެ އިތުބާރުނެތް ކަމުގެ ވޮޓު ނެގުމަށް ސުޖާޢު ހުށަހެޅުއްވީ ސުޖާޢުގެ ސުލޫކީ މައްސަލަތަކެއް އުޅޭތީ އެކަމާ ގުޅޭ ރިޕޯޓެއް ތައްޔާރުކޮށް އެއާ ބެހޭ ގޮތުން މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކުރެއްވުމަށް ނިންމަވާފައިވަނިކޮށް ކަމަށެވެ. އެއަށްވުރެ ކުރިން މިނިސްޓަރގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނުނެގޭނެ ކަމަށް ދަންވާފައިވާނެ ކަމަށްވެސް ނާޒިމް ވިދާޅުވެފައިވެއެވެ. އެހެން ކަމުން އެމަނިކުފާނު އެލްޖީއޭގެ ރައީސް ކަމުން ވަކިކުރައްވާފައިވާ ކަމަށް ދައްކާ ވާހަކައަކީ ދޮގެއް ކަމަށްވެސް ވިދާޅުވިއެވެ.
މިއަދު ހެނދުނު ބާއްވަން އުޅުނު ބައްދަލުވުން ހުނުވެ ބައްދަލުވުން ކުރިއަށް ނުގެންދެވުމުން އޭޖީގެ ލަފައަކަށް އެދިފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެލަފައަށް އެދުމަށް ތައްޔާރުކުރި ލިޔުމުގައި މިނިސްޓަރާ ދެކޮޅަށް ވޯޓުދެއްވި 5 މެންބަރުންވެސް ސޮއިކުރެއްވި ކަމަށް ނާޒިމް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ސުޖާޢު ވިދާޅުވީ ބޯޑުގައި ހިމެނޭ 9 މެންބަރުންގެ އަޣުލަބިއްޔަތަކީ ފަސް މެންބަރުން ކަމަށެެ. އެ 5 މެންބަރުންގެ އަޣުލަބިއްޔަތުން ނިންމީމާ އެހެން ނުވާނެ ކަމަށް މިނިސްޓަރ ވިދާޅުވުމަކީ "ބޮޑު ޖޯކެއް" ކަމަށްވެސް ސުޖާޢު ވިދާޅުވިއެވެ. ސުޖާޢު ވިދާޅުވީ އެނިންމުމާބެހޭ ގޮތުން އޭޖީގެ ލަފައަކަށް އެދިފައިވާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު