މަތީ ތަޢުލީމް ހާސިލް ކުރުމަށް 100 ފުރުސަތު ޓީޗަރުންނަށް ހުޅުވާލަނީ

މުސާރައާއި އެއްވަރުގެ އެލެވެންސް ލިބޭ ގޮތަށް މަތީ ތަޢުލީމް ހާސިލް ކުރުމުގެ 100 ފުރުސަތު ޓީޗަރުންނަށް ހުޅުވާލަން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.

މިއީ ޓީޗަރުންގެ ފަންނީ ގާބިލްކަން އިތުރު ކުރުމަށް ހުޅުވާފައިވާ ފުރުސަތުތަކެއް ކަމަށް މިނިސްޓަރ ވިދާޅުވެފައިވެއެވެ.

ދިރާސީ އާ އަހަރު ފެށުމުގެ މުނާސަބަތުގައި މިނިސްޓަރ ދެއްވި ހިޠާބްގައި ވިދާޅުވެފައިވަނީ ޓީޗަރުންގެ ގާބިލްކަން އިތުރު ކުރުމަށް ހިދުމަތުގައި ތިބޭ ޓީޗަރުންނަށް މުސާރައާއި އެއްވަރުގެ އެލެވެންސް ލިބޭ ގޮތަށް މަތީ ތަޢުލީމްގެ 100 ފުރުސަތު މި މަހުގެ ތެރޭގައި ހުޅުވައިލައްވާނެ ކަމަށެވެ. އަދި ރަށްރަށުގައި ކިޔަވައިދޭ ޓީޗަރުންނަށް ރަށުގައި ތިބެގެން މަތީތަޢުލީމް ހާސިލް ކުރެވޭނެ ފުރުސަތުވެސް މިއަހަރު ހަމަޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

"ތައުލީ ދާއިރާ ހަރުދަނާ ކުރުމަށް މި ދިރާސީ އަހަރު ހާއްސަ މަސައްކަތްތަކެއް ކުރެވޭނެ. އެގޮތުން މުދައްރިސުންގެ ގާބިލްކަން އިތުރު ކުރުމަށް ހިދުމަތުގައި ތިއްބަވާ މުދައްރިސުންނަށް މުސާރައާއި އެއްވަރުގެ އެލެވެންސް ލިބިވަޑައިގަންނަވާ ގޮތަށް މަތީ ތަޢުލީމްގެ 100 ފުރުސަތު މިމަހުގެ ތެރޭގައި ހުޅުވާލެވޭނެ. މީގެއިތުރުން އެ ބޭފުޅެއްގެ ރަށުގައި ހުންނަވައިގެން ތަޢުލީމީ ދާއިރާއިން މަތީތަޢުލީމް ހާސިލް ކުރުމުގެ ފުރުސަތުތަކެއްވެސް މިއަހަރުގެ ތެރޭގައި ހުޅުވާލެވޭނެ" އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ އެ ފުރުސަތުތައް ޚާއްސަކުރެވޭނީ ސްކޫލްތަކުގެ ޓީޗަރުންނަށާއި، ޕްރިންސިޕަލުންނަށް ކަަމަށެވެ. ޕްރިންސިޕަލުންނަށް ބޭނުންވާ ފަންނީ ތަމްރީން ދިނުމުގެ ޚާއްސަ ޕްރޮގުރާމްތަކެއްވެސް މިއަހަރު ހިންގުމަށް ހަމަޖެހިފައިވާ ކަަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އެކަމަނާ ވިދާޅުވީ ކިޔަވައިދިނުން ތަރައްގީ ކުރުމަށްޓަކައި ސްކޫލްތަކަށް ލަފާދިނުމުގެ ޚާއްސަ މަސައްކަތްތަކެއް މިއަހަރުތެރޭ ކުރެވޭނެ ކަމަށެވެ. އަދި އެ މަސައްކަތްތައް އަތޮޅު ފެންވަރުގައާއި ރަށު ފެންވަރުގައި ވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement