ދިރާސީ އައު އަހަރު ފެށޭއިރު، ޓީޗަރުންގެ މުސާރަ ބޮޑުވާނެ: ރައީސް ޔާމީން
ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ޓީޗަރުންގެ މުސާރަ ބޮޑުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް ދެންމެ ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ކުޅިވަރުގެ ގައުމީ ސްކްޑްތަކުގައި ހިމެނޭ ޒުވާނުންނަށް ދާއިމީ މުސާރަ ހަމަޖައްސަވައި އެކަން އިފްތިތާހު ކުރުމަށް މިހާރު ހިނގަމުންދާ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މުސާރަ ބޮޑުވެގެން އަންނައިރު ބޮޑުވާނީ ޓީޗަރުންނަށް މިހާރު ލިބޭ މުސާރައިގެ ތިންބައިކުޅަ އެއްބަޔަށްވުރެ ކުޑަނުވާ މިންވަރަކަށް ކަމަށެވެ. ޓީޗަރުންގެ މޫސަރައިގެ އޮނިގަނޑު ދިރާސާ ކުރެއްވުމަށްފަހު މާދަމާ ފައިނަލް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމަށް ޓީޗާސްއެސޯސިއޭނުންވެސް މަސައްކަތަކެއް ކޮށްދެއްވާފައިވާ ކަމަށެވެ. އަދި އެއީ ޓީޗަރުންގެ އެދުމަކަށްވާތީ ސަރުކާރުން ދިރާސާ ކުރެއްވުމަށްފަހު މުސާރަ ބޮޑުކުރާ ގޮތަށް ހަމަޖެއްސެވީ ކަމަށްވެސް ވިދާޅުވިއެވެ.
ޓީޗާސް އެސޯސިއޭޝަންގެ ރައީސް އާތިފް ޢަބްދުލް ހަކީމް މިދިޔަ އަހަރު ވިދާޅުވެފައިވަނީ އެޖަމިއްޔާއިން ރައީސް ޔާމީނާ ބައްދަލު ކުރެއްވި ކަމަށެވެ. އެފަހަރު ރައީސް ވިދާޅުވެފައިވަނީ އެޖަމިއްޔާއިން ޕްރޮޕޯސަލެއް ހުށަހެޅުއްވުމަށެވެ. އެކަންވެސް އެޖަމިއްޔާއިންވަނީ ކޮށްފައެވެ. އެފަހަރުވެސް މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް އާތިފްވަނީ ވިދާޅުވެފައެވެ.
މުސާރަ ބޮޑުކުރުމާއި، ޓީޗަރުންނަށް ދިމާވެފައިވާ އެހެން މައްސަލަތަކާ ގުޅިގެން ޓީޗަރުންގެ ޖަމިއްޔާއިން ހަޅުތާލު ކުރުމަށްވެސް ނިންމިއެވެ. ނަަމަވެސް ރައީސް ޔާމީންގެ އެދިވަޑައިގެންނެވުމަކާއެކު އެޖަމިއްޔާއިންވަނީ އެކަން ހުއްޓާލާފައެވެ.
ކިޔުންތެރިންގެ ހިޔާލު