ކުރެވޭ ނުރަނގަޅު ޢަމަލުގެ ސަބަބުން އުފާތަކުން މަޙުރޫމް ނުވުމަށް ސީޕީ ގޮވައިލައްވައިފި
ދިރިއުޅުމުގެ މައިދާނުގައި ކުރެވޭ ނުރަނގަޅު ޢަމަލެއްގެ ސަބަބުން ނުވަތަ ކުރެވޭ ކުށެއްގެ ސަބަބުން ދިރިއުޅުމުގެ އުފާތަކުން މަޙްރޫމްވެ މުޅި ޙަޔާތުގައި އެކަނިވެރިކަމާއި މާޔޫސްކަން އިޙްސާސްކުރާ މީހަކަށް އެއްވެސް ޒުވާނަކު އަދި ފުރާވަރުގެ ކުއްޖަކުވެސް ނުވުމަށް ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ޙުސައިން ވަޙީދު އެދިވަޑައިގެންފިއެވެ.
ޒުވާނުންނާ ފުރާވަރުގެ ކުދިންނަށް އަމާޒުކޮށް ފުވައްމުލަކުގައި ހިންގި ބްލޫޒް ފޮރ ޔޫތު ކޭމްޕުގެ ބައިވެރިންނަށް ސެޓްފިކެޓް ދިނުމަށް ފުވައްމުލަކު ތަޢުލީމީ މަރުކަޒުގައި ހުކުރުދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީޕީ ވިދާޅުވީ "ކުއްޖަކަށް ނުވަތަ ޒުވާނަކަށް ކުރެވޭ ކަމެއްގެ ސަބަބުން ނުވަތަ ކުށެއްގެ ސަބަބުން އަމިއްލަ ފުރާނަ ނެތިދިއުމަށް އެއްވެސް ފަރާތަކުން ނޭދޭނެ" ކަމަށެވެ.
މުޅި ޢުމުރުގައި ބޮޑެތި އަނިޔާއާއި ވޭންތައް ތަޙައްމަލް ކުރަންވެސް ނޭދޭނެ ކަމަށް ވިދާޅުވިއެވެ. އެފަދަ ދުވަހެއް ދެކެން އެއްވެސް ޒުވާނެއްގެ ޢާއިލާއިންވެސް ބޭނުން ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. "ރަޙްމަތްތެރިންގެ ފުށުން ނުވަތަ އެހެން ބައެއްގެ ޢަމަލެއްގެ ސަބަބުންވެސް ޒުވާން ޢުމުރުގައި ދުނިޔެ ދޫކޮށްފަ ދާނެ މީހަކަށް ވެގެން ނުވާނެކަމަށް" ވިދާޅުވިއެވެ.
މީހަކު ކުރާ ކަމެއްގެ ސަބަބުން ލިބޭ ދެރައަކާއެކު އެމީހެއްގެ ފުރާނަގޮސް އެމީހެއްގެ ސަންދޯއް އުފުލަން އެމީހެއްގެ މަންމައަކުވެސް ބައްޕާއަކުވެސް އަދި ޢާއިލާގެ މީހަކުވެސް ބޭނުން ނުވާނެ ކަމަށް ސީޕީ ވިދާޅުވިއެވެ. އެހެންކަމުން އެފަދަ ނުރަނގަޅު ޢަމަލެއް ކުރެވި ދިރިއުޅުމުގެ އުފާތަކުން މަޙްރޫމްވާނެ މީހަކަށް އެއްވެސް ޒުވާނަކު ނުވުމަށް ސީޕީ އެދިވަޑައިގެންނެވިއެވެ.
އެފަދަ ޢަމަލުތަކަށްވުރެ ކޮންމެ ޒުވާނަކަށްވެސް މުހިންމުވާނީ އުފާވެރި ފާގަތި ދިރިއުޅުމެއް ކަމަށްވެސް ވިދާޅުވިއެވެ. އަދި ހަރުދަނާ ޖީލެއް އުފެއްދުމުގެ ޙިއްސާދާރަކަށް ކޮންމެ ޒުވާނަކުވެސް ވުން ވަރަށް މުހިންމު ކަމަށް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ހެޔޮ ޢަމަލަކުން ނޫނީ ހެޔޮ ނަތީޖާއެއް ނުނިކުންނާނެ ކަމަށެވ ެ. ހެޔޮ ބަސްތަކެއް ލިބިގެން މެނުވީ މުޖުތަމަޢުގައި ހަރުދަނާ މީހެއްގެ ގޮތުގައި ދެމި ނުހުރެވޭނެކަން ޤަބޫލުކުރަން ޖެހޭކަމަށްވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު