ލޯންޗަކުން ފޯނެއް ވަގަށްނެގި މީހަކު ހައްޔަރުކޮށްފި

image ވަގަށް ނަގައިގެން ފިލަން ދުވަނިކޮށް އަތުލާގަތް ފޯން -- ފޮޓޯ: މާފަންނު ޕޮލިސް ސްޓޭޝަން

މާލޭ ދެކުނުފަރާތު ސަރަހައްދުގައި އަޅާފައި އޮތް ލޯންޗަކުން ފޯނެއް ވަގަށް ނެގި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައި ވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ 31 ވަނަ ދުވަހުގެރޭ 3:30 އެހައިކަންހާއިރުއެވެ.

އޭނާ އަތުލައިގަތީ ފޯނު ވަގަށް ނަގައިގެން ފިލަން ދުވަނިކޮށެވެ. އޭނާ ހުއްޓުވައި ފާސްކުރި އިރު ވަގަށް ގެންދިޔަ ކަމަށް ބެލެވޭ ސެމްސަންގް ބްރޭންޑްގެ ފޯނު ފެނިފައިވަނީ އޭނާގެ ޖީބުން ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 31 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.

ފުލުހުން ހާމަކުރައްވާފައިވާ ގޮތުގައި އޭނާ އަކީ 28 ފަހަރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހެއް ކަމަށެވެ. އަދި 17 ފަހަރު ހައްޔަރުކޮށްފައިވާ މީހެއް ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި 7 މައްސަލައެއްގައި ދައުވާ ކޮށް 1 މައްސަލާގައި ކުށް ސާބިތުވެ ޙުކުމް ކޮށްފައިވާ މީހެއް ކަމަށްވެސް ހާމަކުރައްވާފައިވެއެވެ.

އޭނާއަކީ މަސްތުވާތަކެތި ބޭނުން ކުރުމާއި ވައްކަން ކުރުމާއި މާރާމާރީ ހިންގުމުގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ފުލުހުން ހާމަކުރައްވާފައިވެއެވެ.

ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓުން ގެންދަނީ މިމައްސަލަ ތަހުޤީޤު ކުރަމުން ކަމަށްވެސް ޕޮލިސް ލައިފްގައި ހާމަކޮށްފައިވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް