ރައީސް ޔާމީނަށް ޝަރަފުގެ އައްޑަނައެއް މަސީން އަރުވައިފި
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމަށް ޝަރަފުގެ އައްޑަނައެއް މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ) އިން މިއަދު އަރުވައިފިއެވެ.
މިއީ ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ސަލާމަތްކުރެއްވުމަށް އެމަނިކުފާނު އަޅުއްވާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި، ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވައި އެރުވި އައްޑަނައެކެވެ.
މިއަދު މެންދުރުކުރީގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުކުރެއްވުމުގައި ރައީސަށް މިއައްޑަނަ އެރުވީ މަސީގެ ރައީސް ޢަބްދުﷲ މުޙައްމަދެވެ.
މި ބައްދަލުކުރެއްވުމުގައި ޢަބްދުﷲ މުޙަންމަދުވަނީ ޢިމާރާތްކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ތަރައްޤީ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ޢިމާރާތްކުރުމުގެ ދާއިރާއަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތައްވެސް އޭނާވަނީ ރައީސާ ހިއްސާކުރައްވާފައެވެ.
މިބައްދަލުވުގައި ވިދާޅުވީ އެމަނިކުފާނުގެ މަސައްކަތްޕުޅުތަކުގެ އަގުވަޒަންކުރެއްވިކަމަށްޓަކައި މަސީގެ މެންބަރުންނަށް ޝުކުރު އަދާކުރައްވާ ކަމަށެވެ. އަދި ރާއްޖޭގެ ޢިމާރާތްކުރުމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން އަބަދުވެސް އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު