ބަޖެޓު ތަންފީޒު ކުރުމަށް ބޭނުންވާ ގާނޫނުތަކުގެ 90 އިންސައްތަވަނީ ނިމިފައި-ޚަލީލް

އަންނަ އަހަރަށް ދައުލަތުން ކަނޑައަޅާފައިވާ 24.3 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓް ތަންފީޒު ކުރުމަށް އަލަށް ހަދަންޖެހޭ ގާނޫނުތަކާއި، އިސްލާހު ކުރަންޖެހޭ ގާނޫނުތަކުގެ 90 އިންސައްތަ ނިމިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މުގައްރިރު، ނިލަންދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޚަލީލް ވިދާޅުވީ އަންނަ އަހަރަށް ކަނޑައަޅާފައިވާ ބަޖެޓަކީ ތަންފީޒު ކުރެވޭނެ ބަޖެޓެއް ކަމަށެވެ. އެބަޖެޓަށް ބައެއް ފަރާތްތަކުން ފާޑުކިޔަމުން ގެންދިޔަސް އެބަޖެޓުގައި ޕްރޮގްރާމް ބަޖެޓެއްގައި ހުންނަންޖެހޭ ހުރިހާ ސިފަތަކެއް އެބަހުރި ކަމަށެވެ.
"ބަޖެޓު ތަންފީޒު ކުރުވޭނެ. ނަތީޖާ ނެރެވޭނެ. އެކަން ކުރުމަށް ބޭނުންވާ ގާނޫނުތަކުގެ ނުވަދިހަޕަސެންޓް މިހާރުވަނީ ނިމިފައި. އިރާދަކުރެއްވިއްޔާ ދައުރު ނިމޭއިރު ބާކީ ދިހަޕަސެންޓްވެސް ނިންމާލެވޭނެ،" ޚަލީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަހަރުގެ ކުރީކޮޅު ނުވަތަ ބަޖެޓް ތަންފީޒު ކުރަން ފެށުމުގެ ކުރިން އެކަމަށް ބޭނުންވާ ގާނޫނުތަކާއި އެހެން ކަންކަން ނިމިފައި ހުރުމަކީ ލިބިގެންދާނެ ވަރަށް ބޮޑުލުޔެއް ކަމަށެވެ.
"އެހެންޏާ މިވާގޮތަކީ ގާނޫނު ހެދުމާއި، އިސްލާހު ކުރުމުގެ މަސައްކަތް ކުރަން މިއުޅެނީ އަހަރުގެ މެދުތެރޭގައި ނުވަތަ ނިމެން އުޅޭއިރު. އެހިސާބުން އޮންނަނީ ބަޖެޓުގައި ހިމެނިފައިވާ ގިނަކަންކަން ކުރަން ދަތިވެފައި. އަދި ބެޖެޓުގެ ޑެފިސިޓް އޮންނަނީ އިތުރުވެފައި. އެކަމަކު މިސަރުކާރުން ކަންކުރާނީ އެގޮތަކަށްނޫން. ދުރާލައި ވިސްނައިގެން ރޭވިގެން ކުރާނީ،" ޚަލީލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ހުރިހާ ކަމެއް ރާވަމުންދަނީ ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދެވޭ ގޮތަށް ކަމަށެވެ. އެހެން ކަމުން ބަޖެޓުގައި ހިމަނާފައިވާ މަޝްރޫޢުތައްވެސް ކާމިޔާބު ކަމާއެކު ނިންމާލެވޭނެ ކަމުގެ ޔަގީންކަންވެސް ވަރަށް ބޮޑުކަމަށް އޭނާ ވިދާޅުވިއެވެ.
ޚަލީލް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓު ބޮޑުވެފައިވަނީ ރާއްޖެއަށް ލިބޭނެކަމަށް އަންދާޒާކުރެވޭ ރެވެނިއު އިތުރުވާނެތީ ކަމަށެވެ. އެގޮތުން އަލަށް ތަޢާރަފްކުރާ ގްރީންޓެކްސް އާއި، ޖީސްއެސްޓީއާއި، ސްޕެޝަލް އިކޮނޮމިކް ޒޯނާއި، ބިމާއި، އިތުރު ޓެކްސްތަކުގެ ސަބަބުން ދައުލަތުގެ ރެވެނިއު އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ޚަލީލް ވިދާޅުވީ ބެޖެޓުގައި ކަނޑައަޅާފައިވާ ކަންކަން ހާސިލް ކުރުމަށް ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު