އުނގޫފާރު ހޮސްޕިޓަލުގެ އާޢިމާރާތް ރައީސް ޔާމީން މިރޭ ހުޅުއްވައިދެއްވައިފި
ރ. އުނގޫފާރުގައި އަލަށް ޢިމާރާތްކުރި ހޮސްޕިޓަލް ރައީސުލްޖުމްހުރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމް މިރޭ ހުޅުއްވައި ދެއްވައިފިއެވެ.
ހޮސްޕިޓަލް ހުުޅުވުމަށް އުނގޫފާރު ހޮސްޕިޓަލުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެ ހޮސްޕިޓަލަށް ބޭނުންވާ ފެންޕްލާންޓާއި ކުނިނައްތާލާ ނީޒާމް އަންނަ އަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެ ކަމަށެވެ.
މިޖަލްސާގައި ސިއްހީދާއިރާއާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާރުވެސް ވ. އަތޮޅު ފިޔަވައި ކޮންމެ އަތޮޅެއްގައި އަންހެނުންގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެއް ހުންނާނެ ކަމަށެވެ. އޭގެ އިތުރަށް މިސަރުކާރުން މިހާރުވާނީ ފޫޅުމައިންނަށް އަލުން ވަޒީފާ ދެއްވާފައި ކަމަށްވެސް ވިދާޅުވިއެވެ. އެއީ އަންހެނުންނަށް ޕީޕީއެމްއިން ކުރި ވަޢުދުގެ ތެރެއިން ވަޢުދެއް ކަމަށްވެސް ވިދާޅުވިއެވެ.
މިޖަލްސާގައި އެކްޓިން ހެލްތު މިިނިސްޓަރ މުޙައްމަދު ނާޒިމް ވިދާޅުވީ އެ ހޮސްޕިޓަލްގަައި މިހާރު މާލެއާ އެއްގޮތަށް ބައެއް ޚިދުމަތް ލިބެން ހުންނާނެ ކަމަށެވެ. އެގޮތުން ސްޕެޝަލިސްޓް ޑޮކްޓަރުންގެ ޚިދުމަތާއި، އާންމު ބަލިތަކުގެ ޑޮކްޓަރުންގެ ޚިދުމަތް ލިބޭނެ ކަމަށެވެ. އެތަނުގައި ތަފާތު 10 ސްޕެޝަލިސްޓް ޑޮކްޓަރުން މަސައްކަތް ކުރައްވާނެ ކަމަށްވެސް ނާޒިމް ވިދާޅުވިއެވެ. މީގެ އިތުރަށް އޮޕަރޭޝަނާއި، ދަތުގެ ފަރުވާއާއި، ޑަޔަލިސިސްގެ ޚިދުމަތް ވެސް ފެށިގެންދާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ. އޭގެއިތުރަށް އާސަންދައިގެ ދަށުން ބޭސް ލިބޭ ބޭސްފިހާރައެއްގެ ޚިދުމަތްވެސް ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ހޮސްޕިޓަލަށް ބޭނުންވާ ވަރަށް ގިނަ ސާމާނު އެލިއާ އިން ހަދިޔާކުރައްވާފައިވާ ކަމަށެވެ. އެހޮސްޕިޓަލުގެ އާޢިމާރާތުގެ މަސައްކަތް ކޮށްފައިވަނީ އެލިއާ ކޮންސްޓްރަކްޝަނުންނެވެ.
މިޖަލްސާގައި ރައީސް ޔާމީންގެ ދެކަނބަލުންގެ އިތުރަށް، ޑިފެންސް މިނިސްޓަރ ނާޒިމާއި، ޓޫރިޒަމް މިނިސްޓަރ އަޙުމަދު އަދީބާއި، ދ. މީދޫދާއިރާގެ މަޖިލިސް މެމްބަރ އަޙުމަދު ސިޔާމް ބައިވެރިވެ ވަޑައިގެންނެވިއެވެ.
ކިޔުންތެރިންގެ ހިޔާލު