މަރުގެ މައްސަލައެއްގައި މީހެއްގެ ބަންދަށް 15 ދުވަސް ދީފި
މި ޑިސެމްބަރު މަހު 06 ވަނަ ދުވަހުގެ ރޭ 01:45 ހާއިރު ހިތަށްފިނިވާމަގު، އަލޯރާ ކައިރީގައި ހިނގި މާރާމާރީގައި ތޫނު އެއްޗަކުން ހަމަލާދީނުމުގެ ސަބަބުން ޒުވާނަކު މަރުވި މައްސަލާގައި ހައްޔަރުކުރި މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ދީފި ކަމަށް ފުލުހުން ބުނެފިއެވެ.
މި މައްސަލައިގެ ތުހުމަތުގައި އިއްޔެ ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ޙާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަހައްޓައިގެން ތަޙުޤީޤު ކުރިއަށް ގެންދިއުމަށް ދީފައިވާ 15 ދުވަހުގެ ބަންދުގެ މުއްދަތު ދެން ހަމަވާނީ މި ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލާގައި އިއްޔެ 15:35 ހާއިރު ހައްޔަރުކޮށްފައިވަނީ 20 އަހަރު ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރަތްވިލާ ހިނގުމުގައި ހުންނަ ހ. ބްލޫބަރޑްގެއިންނެވެ. ހ. ބްލޫބަރޑްގެ ކޯޓް އަމުރެއްގެ ދަށުން ބަލައި ފާސްކޮށް މައްސަލައާ ގުޅުންހުރިކަމަށް ބެލެވޭ ބައެއްތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށްވެސް ބުނެފައިވެއެވެ.
މި ޑިސެމްބަރު 6 ވަނަ ދުވަހުގެ ރޭ ހިނގި މި މާރާމާރީގެ މަޢުލޫމާތު ފުލުހުންނަށް ލިބުމާއެކު، ފުލުހުން ވަނީ އެސަރަޙައްދަށް ގޮސް ޒަޚަމްވެފައިވާ މީހާ ހޮސްޕިޓަލަށް ގެންގޮސްފައެވެ. ފުލުހުން އެމީހާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މަގުމަތިން ޓެކްސީއެއް ހުއްޓުވުމަށް ފުލުހުންގެ އެހީތެރިކަމާއެކު އެ ޓެެކްސީގައެވެ. އެމީހާ މަރުވެފައިވަނީ މާރާމާރީގައި ހަމަލާދިނުމުގެ ސަބަބުން ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށްނެވެ.
މި މައްސަލަ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުޤީޤް ކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު