އިންޑިއާގެ ދެވަނަ މަނަވަރު ފެނާއެކު މާލެ އަތުވެއްޖެ

image އިންޑިއާއިން ފޮނުވި ދެވަނަ މަނަވަރ"އައިއެންއެސް ދީޕަކް" -ފޮޓޯ އެމްއެންޑީއެފް

މާލެއަށް ކުރިމަތިވެފައިވާ ފެނުގެ މައްސަލަ ހައްލުކުރުމަށް އިންޑިއާ އިން ފޯރުކޮށްދެމުންގެންދާ އެހީގެދަށުން އިތުރު މަނަވަރެއް މާލެ އަތުވެއްޖެއެވެ.

އިންޑިއާއިން ފޮނުވި ދެވަނަ މަނަވަރ"އައިއެންއެސް ދީޕަކް" މާލެއައީ 1000 ޓަނުގެ ފެން ހިފައިންގެނެވެ. މިމަނަވަރު މާލެއައީ މިއަދު އިރުއޮއްސުނު ވަގުތުގައެވެ.

ނޫސްވެރިންނަށް މައުލުމާތު ދެއްވަމުން މަނަވަރުގެ ކޮމާންޑިންގ އޮފިސަރ ސޮބްތީ ވިދާޅުވީ މާލެއަށް ދިމާވެފައިވާ ފެނުގެ މައްސަލަ ހައްލުވަންދެން މަނަވަރު މާލޭގައި މަޑުކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ މިއީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ރަހުމަތްތެރިކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. މާލެ ފެނަށް ޖެހުނުކަން އެނގުމުން އެމަނަވަރު ވަނީ މުމްބާއީ ފުރާފައި ކަމަށްވެސް ވިދާޅުވިއެވެ. ރާއްޖެއާ ހަމައަށް އާދެވިފައިވަނީ 1000 ނޯޓިކަލް މޭލަށްވުރެ ދުރަށް ދުއްވައިގެން ކަމަށްވެސް ވިދާޅުވިއެވެ.

މަނަވަރުން ގެނައި ފެން ބޭލުމަށްފަހު ރައްޔިތުންނަށް ބެހުމުގެ މަސައްކަތް ކަމާބެހޭ ފަރާތްތަކުން ގެންދަނީ ކުރަމުންނެވެ. އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރަޖީވް ސަހާރޭ ވިދާޅުވީ ރާއްޖެއަށް ދިމާވާ މިފަދަ ކޮންމެ މައްސަލައެއްގައިވެސް އިންޑިއާގެ ފުރިހަމަ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ. އިންޑިއާގެ އިތުރު މަނަވަރެއްވެސް މާލޭގެ ބަނދަރުގައި މިހާރުވެސް އެބައޮތެވެ.

މިއަދުއައި މަނަވަރަކީ ދުވާލަކު 200 ޓަނުގެ ފެން އުފައްދާ މަނަވަރެކެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް