ވަގުތީ ގޮތުން ގާސިމާ ވެރިކަން ހަވާލު ކުރުމުގެ ގަރާރެއް އެމްޑީޕީން ފާސްކޮށްފި
ރާއްޖޭގެ ވެރިކަން ޖުމްހޫރީޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ވަގުތި ގޮތުން ހަވާލު ކުރުމުގެ ގަރާރެއް އެމްޑީޕީން މިއަދު ފާސްކޮށްފިއެވެ.
އެޕާޓީން މިގަރާރު ފާސްކުރީ މާލޭ ސިޓީކައުންސިލުގައި މިއަދު ހަވީރު ބޭއްވި އެޕާޓީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައެވެ. މިފަދަ ގަރާރެއް ފާސްކޮށްފައިވަނީ ގާނޫނޫގެ ތެރެއިން ނުކުރެވޭ ކަންކަމަށް ސިޔާސީ ހައްލެއް ހޯދުމުގެ ބޭނުމުގައި ކަމަށް އެމްޑީޕީގެ އިސްބޭފުޅަކު ވިދާޅުވިއެވެ. މިފަދަ ކަމެއް ފާސްކުރިއިރު ގާސިމް އިބްރާހީމާ ވާހަކަ ދެއްކެވިންތޯ ދެންނެވުމުން އެއަށް ޖަވާބު ދެއްވުމުގެ ބަދަލުގައި އޭނާ ވިދާޅުވީ "އަޅުގަނޑުމެން ދައްކާ ވާހަކަތަކަށް ތެދުވެރިވާނެ" ކަމަށެވެ.
މިއަދުގެ ބައްދަލުވުމަކީ އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދުގެ އެދިވަޑައިގެންނެވުމަށް ބޭއްވި ބައްދަލުވުމެކެވެ. އެމަނިކުފާނު ވިދާޅުވެފައިވަނީ ގައުމުގެ ހާލަތު މިހާރުއޮތް ގޮތުން މިވަގުތަށް އެންމެ ރަނގަޅު ހައްލަކީ ވަގުތީ ގޮތުން ގާސިމް އިބްރާހީމަށް ވެރިކަން ހަވާލު ކުރުން ކަމަށެވެ. ނަަމަވެސް އެގޮތަށް ވެރިކަން ހަވާލު ކުރެވޭނެ އެއްވެސް މާއްދާއެއް ގާނޫނުއަސާސީއަކު ނެތެވެ.
އެއްވެސް ސަބަބަކާހެދި ވެރިކަން ހިންގުމަށް ރައީސް އުޒުރުވެރި ވެއްޖެ ކަމަށްވާނަމަ ވެރިކަމާ ހަވާލުވެ ވަޑައިގަންނަވަން ޖެހެނީ ނާއިބް ރައީސެވެ. "ފެންނަ މަންޒަރު ތަކަށް ބަލާއިރު ރައީސް ޔާމީން ހުންނެވީ ނާއިބް ރައީސް ޑރ. ޖަމީލަށް ވެރިކަން ހަވާލުކުރާ ގޮތަކަށް ނޫން،" އެމްޑީޕީން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ދައުލަތުގެ ސީނިއާރ ވަޒީރަކު ވިދާޅުވީ އެމްޑީޕީން ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ކުރާ އެއްވެސް ކަމަކާ ގުޅިގެން މިސަރުކާރު ކަންބޮޑެއް ނުވާނެ ކަަމަށެވެ. "މިސަރުކާރަކީ ސްޓޭބަލް ސަރުކާރެއް" ވަޒީރު ވިދާޅުވިއެވެ.
ގަރާރު ފާސްކޮށްފައިވަނީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 43 މެމްބަރުންގެ ތެރެއިން 37 މެމްބަރުން ވޯޓުދީގެންނެވެ. ގަރާރާ ދެކޮޅަށް ވޯޓުދީފައިވަނީ 2 މެންބަރުންނެވެ. ވަކިކޮޅަކަށް ވޮޓު ނުދޭ 4 މެންބަރުން ތިބިއެވެ.
ނަޝީދު ވިދާޅުވީ އެމްޑީޕީން ބޭނުންވަނީ ވެރިކަމަށް އައުންނޫން ކަމަށެވެ. ބޭނުންވަނީ ޖުމްހުރީޕާޓީއާއެކު މަސައްތަކެއް ކުރެއްވުން ކަމަށެވެ. ޝާހިދު ވިދާޅުވީ މިސަރުކާރު ގެނައުމުގައި ގާސިމަކީ މުހިންމު ބައިވެރިއެއް ކަމަށެވެ. އެހެން ކަމުން ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަ ހައްލުުކުރުމަށް އޭނާގެ ދައުރު މުހިންމު ކަމަށެވެ. އެމްޑީޕީގެ މަޖިލިސް މެންބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ގާސިމަށް ވެރިކަން ހަވާލުކުރަން މިހާރުވެސް ލަސްވެއްޖެ ކަމަށެވެ. އެމްޑީޕީގެ ނާއިބް ރައީސް މުޙައްމަދު ޝިފާޒު ވިދާޅުވީ މިސަރުކާރުވަނީ ފެއިލްވެފައި ކަމަށެވެ. އެހެން ކަމުން ގައުމުގެ ކަންކަން ހަމައަކަށް އެޅުވުމުގައި ގާސިމް ދައުރު ވަރަށް ބޮޑު ކަމަށެވެ. އެއީ ގާސިމަކީ ސަރުކާރުގެ އިސްބައިވެރިއެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު