އަގުބޮޑުކޮށް ފެންވިއްކާ ފަރާތްތަކުގެ ލައިސަންސް ބާތިލް ކުރަން ސަރުކާރުން ފަސް ނުޖެހޭނެ- މިިނިސްޓަރ ނާޒިމް

މާލެ ފެނަށްޖެހިފައިވާ މިދަނޑިވަޅުގައި އަގުބޮޑުކޮށް ފެންކާ ފަރާތްތަކުގެ ލައިސަންސް ބާތިލް ކުރަން މިސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ޑިފެންސް މިނިސްޓަރ މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިއަދު ވިދާޅުވީ ފިހާރަތަކަށް ފެންވިއްކަން މިހާރުވާނީ އަންގާފައި ކަމަށެވެ. ނަމަވެސް އަގުބޮޑުކޮށް ފެން ނުވިއްކުމަށްވެސް އެފަރާތްތަކަށް އަންގާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިފަދަ ހާލަތެއްގައި ރައްޔިތުންނަށް އަގުބޮޑުކޮށް ފެން ވިއްކުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެފަދަ ކަމެއް ކޮށްފިނަމަ ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ އެމްޑަބްލިޔުއެސްސީއާއި ސަރުކާރުން މިހާރުވަނީ މިހާރަށްވުރެ ފަސޭހައިން ރައްޔިތުންނަށް ފެން ލިބޭނެ ގޮތްތަކާ ބެހޭގޮތުން ވާހަކަ ދައްކާފައި ކަމަށެވެ. އެކަމާބެހޭ ގޮތުން އެކުންފުނިން މައުލޫމާތު ދޭނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދާޅުވީ ފެން ދޫކުރުމުގައި ދޭސީންނާއި ބިދޭސީން ތަފާތުކުރާ ކަމަށް ބައެއް ފަރާތްތަކުން ފަތުރާ މައުލޫމާތަކީ މުޅިން ދޮގު ކަމަށެވެ. އެފަދަ އެއްވެސް ތަފާތުކުރުމެއް ސަރުކާރުން ނުގެންގުޅޭ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މާލެއަށް ދިމާވެފައިވާ މައްސަލަ ސިޔާސީ ކަމަަކަށް ހެދުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެން ކަމުން އެކަން އެގޮތަށް ނުކުރުމަށް އެދިވަޑައިގެންނެވިއެވެ. މިނިސްޓަރ ވިދާޅުވީ މިއީ ގައުމީ ކަމެއްގެ ގޮތުގައި އެންމެންވެސް ބަލައިގެން މަސައްކަތް ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. ސަރުކާރުން މިހާރުވެސް ގެންދަނީ މި މައްސަލަ ހައްލުކުރުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށެވެ.
ފެނުގެ މައްސަލަ ހައްލު ކުރުމަށް ޗައިނާއިންވަނީ ފެނުގެ ޝިޕްމަންޓެއް ރާއްޖެއަށް ގެނެސްފައެވެ. ޖުމްލަ 85 ޓަނުގެ ފެން ރާއްޖެއަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައެވެ. މީގެ އިތުރަށް ލަންކާ، އެމެރިކާ، އިންޑިއާއިންވެސް ދަނީ ރާއްޖެއަށް އެހީވަމުންނެވެ. މިއެހީތަކާއެކު މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ ފެނުގެ މައްސަލަތައް ހައްލުވާނެ ކަމަށް ޑިފެންސް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް 23 ލޮރީއެއް މިއަދުދަނީ މާލޭގައި ހަރަކާތްތެރި ވަމުންނެވެ.
ރައްޔިތުންނަށް ވިލިގިލި ފެރީ ޓާމިނަލް ކައިރިންނާއި ސްޓެލްކޯއިން 24 ގަޑިއިރު ފެން ފޯރުކޮށްދެމުން ގެންދާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު