ވީމީޑިއާއިން 10،000 ފެންފުޅި ބަހައިފި

image

މާލެއަށް ދިމާވެފައިވާ ފެނުގެ ދަތިކަން ހައްލު ކުރުމަށްޓަކައި ވީމިޑިއާއާއި ކޮކާކޯލާ ކޮމްޕެނީ ގުޅިގެން 10،000 ފެންފުޅި މާލޭގެ ރައްޔިތުންނަށް މިރޭ ބަހައިފިއެވެ.

ވީމީޑިއާގެ ސީއީއޯ އިބްރާހީމް ޚަލީލް ވިދާޅުވީ ކޮކާކޯލާ ކުންފުންޏާ ގުޅިގެން އެތަނުން ބަހާފައިވަނީ 1.5 ލީޓަރުގެ ފެންފުޅި ކަމަށެވެ. ސޯސަންމަގުގައި ހުންނަ ވީމިޑިއާގެ އޮފީހުން ކޮންމެ ރައްޔިތަކަށް ދީފައިވަނީ 2 ފުޅި ފެނެވެ. ޚަލީލް ވިދާޅުވީ އިތުރަށް ފެން ލިބޭތީ އެތަނުން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ޚަލީލް ވިދާޅުވީ މާލޭގެ ރައްޔިތުންނަށް މިފަދަ ކަމެއް ދިމާވުމުން ވީމީޑިއާއަށް ކުރެވެން ހުރި ހުރިހާކަމެއް ކޮށްދެވޭތޯ ބަލާނެ ކަމަށެވެ.

މާލެއަށް ފެނުގެ މައްސަލަ ދިމާވެފައިވަނީ އެމްޑަބްލިއުއެސްސީގައި އިއްޔެ ހިނގި އަލިފާނުގެ ހާދިސާއެއްގައި އެތަނުގެ ޕެނަލް ބޯޑު އެއްކޮށް ހަލާކުވުމުންނެވެ. އެ ހާދިސާއަށްފަހު ރައީސް ޔާމީން ވަނީ ފެނުގެ މައްސަަލަ ހައްލު ކުރުމަށް ޓާސްކް ފޯހެއް އެކުލަވާލައި މަސައްކަތް ފަށައިފައެވެ.

އެ ޓާސްކްފޯހުގެ ހެޑް ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ވިދާޅުވެފައިވަނީ ވީހާވެސްއަވަހަށް މިމައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އޭނާ ވިދާޅުވީ މައްސަލަ ހައްލު ކުރުމަށް ބޭނުންވާ ސާމާނު މިހާރު ސިންގަޕޫރުން މާލެ ގެެނެވިފައިވާ ކަމަށެވެ.

ދިވެހިރާއްޖޭގެ ވެރިރަށް މާލެ ފެނަށް ޖެހުމުން ދިވެހިސަރުކާރުންވަނީ އިންޑިއާއާއި އެކުވެރި ބައެއް ދައުލަތްތަކުގެ އެހީތެރި ކަމަށް އެދިފައެވެ. އިންޑިއާއިން މިހާރުވަނީ މިއަދުގެ އިރުއޮއްސުމާ ހަމައަށް 48 ޓަނު ފެން ގެނެސްފައެވެ. ޑިފެންސް މިނިސްޓަރ ނާޒިމް ވިދާޅުވީ އިންޑިއާއިން 150 ޓަނު ފެން މާލެ ގެންނާނެ ކަމަށެވެ. މީގެ އިތުރަށް ފެންއުފައްދާ ދެ މަނަވަރު ރާއްޖެ އައުމަށްވަނީ ހަމަޖެހިފައެވެ. މިހާރު އެއްމަނަވަރުވަނީ މާލެއައިސްފައެވެ. އޭގައި ފެން އުފައްދާ 2 ޕްލާންޓް ހުރެއެވެ.

ރާއްޖެއަށް އެހީވުމުގެ ގޮތުން ޑިއެގޯ ގާސިއާގައި އޮތް އެމެރިކާގެ މަނަވަރެއްވެސް ރާއްޖެއަށް ދަތުރުކުރަމުންދާ ކަމަށް ޚަބަރު ލިބިފައިވެއެވެ. އިންޑިއާގެ އިތުރަށް ޗައިނާއާއި، ލަންކާއާއި، އެމެރިކާއިންވެސް ރާއްޖެއަށް އެހީވާނެ ކަމަށް ރައީސް ޔާމީންވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް