ސާކް ސަމިޓު ނިންމަވާލެއްވުމަށްފަހު ރައީސް ޔާމިން މާލެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން، 18 ވަނަ ސާކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ނޭޕާލަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރޭ މާލެ ވަޑައިގެންފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި، 18 ވަނަ ސާކް ސަމިޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވިއެވެ. މިގޮތުން، ދެކުނު އޭޝިޔާ ސަރަޙައްދުގެ ކުރިއެރުމަށްޓަކައި، ސާކް ޤައުމުތަކުން ދުނިޔޭގެ އެހެން ޤައުމުތަކާއެކު، ވަކިވަކިން މަސައްކަތްކުރުމުގެ ބަދަލުގައި، އެއްޖަމާޢަތެއްގެ ގޮތުގައި މަސައްކަތްކުރުމަށް އެމަނިކުފާނު ގޮވާލައްވައިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.
ސާކް ސަމިޓުގެ ހަވާސާގައި، ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސައާ، ޕާކިސްތާނުގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ އިތުރުން އިންޑިޔާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައްދަލުކުރެއްވިއެވެ. މިބައްދަލުކުރެއްވުންތަކުގައި ރާއްޖެއާ އެޤައުމުތަކާ ދެމެދުގައިވާ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި، ސާކު އިތުރަށް ހަރުދަނާ ކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.މީގެއިތުރަށް، ސަމިޓު ނިންމުމުގެ ރަސްމިއްޔާތުގައި އެއްޤައުމުން އަނެއް ޤައުމަށް ހަކަތަ ފޯރުކޮށްދިނުމާ ބެހޭ ގޮތުން މެންބަރު ޤައުމުތަކުގެ މެދުގައި ވެވުނު އެއްބަސްވުމެއްގައި ސާކުގެ ހާރިޖީ ވަޒީރުން ސޮއިކުރެއްވިކަމަށް ރައީސް އޮފީހުން ބުނެއެވެ.
19 ވަނަ ސާކް ސަމިޓް ބޭއްވެވުމަށް ހަމަޖައްސާފައި ވަނީ ޕާކިސްތާނުގައެވެ.
ކިޔުންތެރިންގެ ހިޔާލު