މި ސަރުކާރު ދަމަހައްޓައި ހިމާޔަތްކުރުމަކީ ދީނީ އިލްމުވެރިންގެ މައްޗަށް އޮތް މަސްއޫލިއްޔަތެއް: ޝަހީމް
މިހާރު ދިވެހިރާއްޖޭގައި ސަރުކާރު ދަމަހައްޓައި ހިމާޔަތްކުރުމަކީ ދީނީ އިލްމުވެރިންގެ މައްޗަށް އޮތް މަސްއޫލިއްޔަތެއް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވިސް (ޕީޕީއެމް) އިން ސަރުކާރާއި ހަވާލުވިޔާ އެއް އަހަރު ފުރުން ފާހަގަ ކުރުމަށް މިރޭ އަލިމަސް ކާނިވަލުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝަހީމު ވަނީ ސަރުކާރުން ދީނީ ކަންކަން އާލާކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވިދާޅުވެ ވާހަކަ ދައްކަވައިފައެވެ.
އޭނާ ވިދާޅުވީ މި ސަރުކާރުން، ކީރިތި ގުރުއާން އުނގަންނައިދިނުމުގެ މަސައްކަތް ވެސް ހަރުދަނާކުރުމަށް މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތުން އަރަބި ބަސް ރާއްޖޭގެ ސްކޫލްތަކަށް ތައާރަފްކޮށްފައިވާކަމަށް ވިދާޅުވިއެވެ. އަދި އިސްލާމް މާއްދާ މި ޒަމާނުގެ ގޮންޖެހުންތަކާ އެއްހަމަކޮށް ސަރުކާރުން ތަރައްގީކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ގުރުއާން ކިޔަވައިދޭނެ މުދައްރިސުން ނެތް 40 އަށް ވުރެ ގިނަ ރަށްރަށަށް މުދައްރިސުން ހަމަޖައްސައިދީފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓަރ މިނިސްޓަރު ވިދާޅުވިއެވެ.
އޭގެ އިތުރުން 334 މިސްކިތް ސަރުކާރުގެ ބަޖެޓުން ދިހަ މިލިއަނެއްހާ ރުފިޔާ ހޭދަކޮށްގެން މަރާމާތުކޮށްފައިވާ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
"ދިވެހި ރައްޔިތުންނަށް ވީހާ ވެސް ލުއި ގޮތެއްގައި ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސައިދިނުމަށް ޔާމީން ވެރިކަމަށް ވަޑައިގަތުމާ އެކު އެދިވަޑައިގެންނެވި. ހައްޖު ކޯޕަރޭޝަނެއް އުފައްދައި ފަސޭހަކަމާ އެކު ދިވެހިންނަށް ހައްޖަށް ދެވޭނެ މަގު މިވަނީ ފަހިވެފައި،" ޝަހީމް ވިދާޅުވިއެވެ.
ރާއްޖެ އިން ހައްޖަށް ދާ މީހުންނަށް ސައޫދީ އަރަބިއްޔާގެ މައްކާ އިން ބިމެއް ހޯދުމަށް ރައީސް އަބްދުﷲ ޔާމިން މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު