ވެރިކަމާ ހަވާލުވިއިރު ރާއްޖެއޮތީ މިނިވަން ކަމާމެދު ސުވާލު އުފެދޭ ހިސާބުގައި- ރައީސް ޔާމީން
ވެރިކަމާ ހަވާލުވެ ވަޑައިގެންނެވިއިރު ރާއްޖެއޮތީ މިނިވަންކަމާމެދު ސުވާލު އުފެދޭ ހިސާބަށް ކަންކަން ގޮސްފައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަންދުލް ޤައްޔޫމު މިރޭ ވިދާޅު ވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިވެރިކަމަށް 365 ދުވަސް ފުރުންފާހަގަ ފުރުމުގެ ގޮތުން މައްޗަށްގޮޅީ ޒުވާނުން ރޭ ބޭއްވި ޚާއްސަ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވީ ރައީސް ޑރ. ވަހީދުގެ ވެރިކަމަށް ފަހު ކަމަށްވާތީ އެދުވަސްވަރު ރާއްޖެއޮތީ ވަރަށްބޮޑު ހަލަބޮލި ކަމެއްގެ ތެރޭގައި ކަމަށެވެ.
އެގޮތަށްއެކަންވީ 2012 ވަނަ އަަހަރުގެ ފެބްރުއަރީ 7 ވަނަދުވަހު ރާއްޖޭގެ ވެރިކަން ބަދަލުވުމުން މައްސަލަތަކާ ކުރިމަތިލާން ޖެހުނު ހިސާބުން ކަމަށެވެ. އެހެން ކަމުން ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެމަނިކުފާނަށް ޖެހިވަޑައިގެންނެވީ ރާއްޖޭއާމެދު ބޭރުދުނިޔޭގެ އިތުބާރު ހޯދުމަށް ދަތުރު ކުރައްވަން ކަމަށެވެ. އޭގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
އެދުވަސްވަރު ބޭރުގެ އެކި ގައުމުތަކުން ރާއްޖެ އަށް ފިއްތުންތަކެއް ކުރިމަތިކުރި ކަމަށްވެސް ވިދާޅުވިއެވެ. އެފަދަ ފިއްތުންތަކުގެ ސަބަބުން ރާއްޖެ އޮތީ މިނިވަން ގައުމެއްތޯ ސުވާލު އުފެދޭ ހިސާބެއްގައި ކަމަށެވެ.
އެދުވަސްވަރު ކޮމަންވެލްތުންވެސް ރާއްޖެ ކުރިމަތިކުރުވި ފިއްތުންތަކުގެ ނަތީޖާ ވެސް އޭރުދެކެވަޑައިގެންނެވި ކަމަށް ވިދާޅުވިއެވެ. އޭގެ ސަބަބުން ބޭރުގެ ބޭންކުތަކުން ރާއްޖެއަށް ލޯނު ދޭން ދެކޮޅު ހެދި ކަމަށްވެސް ވިދާޅުވިއެވެ.
ބޭރު ގައުމުތަކުގެ ފިއްތުންތައް އޮތްއިރު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ތަފާތު އެކި ވާހަކަތައް ދައްކަވައި ރާއްޖެ އާއި ރައްޔިތުންނަށް ދަތިވާ އެތައް ކަމެއް އެދުވަސްވަރު ކުރައްވައިފައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ޓޫރިޒަމް ބޮއިކޮޓް ކުރުންވެސް އޭގެތެރޭގައި ހިމެނުނު ކަމަށް ރައީސް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ މައްޗަންގޮޅިއަކީ ޒުވާނުންގެ ކުޅިވަރު ސިޓީއަކަށް ހައްދަވައި ދެއްވާނެ ކަމަށެވެ. އަދި ކުޅުދުއްފުށީގައި އެއާޕޯޓެއް އަޅައިދީ އެ ސަރަަހައްދުގައި ފަސް ރިސޯޓް ތަަރައްގީކުރާނެ ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން މިހާރުގެންދަނީ އެކިދިމާއިން ކާމިޔާބު ހޯދަމުން ކަމަށެވެ. ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ ރައްޔިތުންނަށް ވެފައިވާ ވައުދު ފުއްދަން ކަމަށްވެސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޒުވާނުންގެ ކަންކަން ރަނގަޅު ކުރުމަށް އަންނައަހަރުވެސް ބަޖެޓުގައި 300 މިލިއަންރުފިޔާ ހިމަނާފައިވާނެ ކަމަށެވެ. ޒުވާނުންނަށް ކިޔެވުމުގެ ފުރުސަތާއި އެހެނިގެން ކުރިއެރުންތައްވެސް ޒުވާނުންނަށް ހޯއްދަވައި ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
މުޅި ބަޖެޓުގެ ތަފާތު ކަންކަމަށް ބަލާއިރު ބޮޑުބަޔަކީ ޒުވާނުންގެ ކަންކަމަށް ކަނޑައެޅިފައިވާ ފައިސާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ކިޔުންތެރިންގެ ހިޔާލު