ޚާރިޖީ ވަޒީރު ދުންޔާގެ މައްޗަށް ޖިނާޢީ ދަޢުވާ ކޮށްދިނުމަށް އެދި އެމްޑީޕީން އެދިއްޖެ
ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫނުގެ މައްޗަށް ޖިނާޢީ ދަޢުވާ ކޮށްދިނުމަށް އެދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ސިޓީއެއް ފޮނުވައިފިއެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ ލީޑަރ، ހިންނަވަރު ދާއިރާގެ މެންބަރ އިބްރާހީމް މުޙައްމަދު ޞާލިޙް ސޮއިކުރައްވައި ފޮނުއްވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ސިލްކުރޫޓުގެ މައްސަލާގައި ދުންޔާވަނީ މަޖިލީހުގައި އިތުރުފުޅު ހައްދަވާފައި ކަމަށެވެ. މަޖިލީހަށް ދިގު މަޢުލޫމާތެއް ދިނުމަކީ މަޖިލީހިގެ އިމްތިޔާޒު ނަގައިލުން ކަމަށްވެސް އެސިޓީގައި ބުނެފައިވެއެވެ.
ދުންޔާ މަޖިލީހުގައި ހެއްދެވި އިތުރުފުޅެއް ކަމަށް އެމްޑީޕީން ބުނެފައިވަނީ ޗައިނާ އިން ކުރިއަށްގެންދާ ސިލްކް ރޫޓުގައި އިންޑިއާ އިން ބައިވެރިވުމަށް އެ ދެ ގައުމުން މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވެއް ދެއްކެވި ވާހަކަފުޅެވެ. އެއީ ރައްޔިތުންނަށް އޮޅުވާލުން ކަމަށްވެސް އެމްޑީޕީން ބުނެފައިވެއެވެ.
"ޚާރިޖީ ވަޒީރު ދުންޔާ މައުމޫނު ރައްޔިތުންގެ މަޖިލީހަށް ގަސްދުގައި އިތުރުފުޅު ހައްދަވައި ޤާނޫނު އަސާސީ އާއި ޤާނޫނާ ޚިލާފުވެވަޑައިގެންފައި ވާތީ އެ މައްސަލާގައި ޚާރިޖީ ވަޒީރު ދުންޔާ މައުމޫނުގެ މައްޗަށް ޖިނާޢީ ދަޢުވާ ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ 29 ވަނަ މާއްދާގެ ދަށުން ޕްރޮސިކިއުޓަ ޖެނެރަލަށް ހުށަހެޅުއްވުމަށް ދެންނެވީމެވެ،" އެމްޑީޕީގެ ޕީޖީ ގްރޫޕުގެސިޓީގައި ބުނެފައިވެއެވެ.
އެމްޑީޕީން ތުހުމަތުކުރާ ފަދަ ކަމެއް މަޖިލީހުގައި ކުރައްވައިފި ކަމަށްވާނަމަ އެ ކުށްކުރި މީހެއްގެ އަދަބެއްގެ ގޮތުގައި ޖޫރިމަނާކުރުން ނުވަތަ ޖަލަށްލެވިދާނެ ކަމަށް ބުނެފައިވެއެވެ.
ދުންޔާ ދެއްކެވި ވާހަކަ އިންޑިއާއިންވެސް ވަނީ ދޮގުކުރައްވާފައެވެ. ނަަމަވެސް ޚާރިޖިއްޔާއިން ބުނެފައިވަނީ ޗައިނާއާއި އިންޑިއާއިން ސިލްކްރޫޓާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވިކަން ލިޔެކިޔުންތަކުން ފެންނަ ކަމަށެވެ.
އެމްޑީޕީގެ ޕީޖީ ގުރޫޕުން ވަނީ ދުންޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަވެސް މަޖލީހަށް ވެއްދުމަށް ނިންމާފައެވެ. އެކަމާ ގުޅިގެން ދުންޔާ ވިދާޅުވީ އެމްޑީޕީން އެގޮތަށް ކަންތައް ކުރައްވަނީ ގޮތް ހުސްވެގެން ކަމަށެވެ.
ދުންޔާގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދިޔަސް އެމްޑީޕީއަށް އެކަން ކާމިޔާބު ނުވާނެ ކަމަށް ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ އަދި ޕީޕީއެމްގެ ނާއިބް ލީޑަރ އަޙުމަދު އަދީބު ވަނީ ވިދާޅުވެފައެވެ.
އެމްޑީޕީގެ ޕީޖީ މެންނަރު ރޮޒައިނާ އާދަމް ވިދާޅުވެފައިވަނީ އެމައްސަލަ ވައްދަނީ ކޮންމެހެން ކާމިޔާބުވާނެ ކަމަށް ބަލައިގެން ނޫން ކަމަށެވެ. އެކަން ކުރަނީ ގާނޫނު ނެގެހެއްޓުމުގެ ބޭނުމުގައި ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު