ޚާރިޖީ ވަޒީރާ ދުންޔާއާ ދެކޮޅަށްނަގާ އިތުބާރުނެތްކަމުގެ ވޯޓު ކާމިޔާބުވިޔަ ނުދޭނަން-މިނިސްޓަރ އަދީބު
ރާއްޖޭގެ ޚާރިޖީ ވަޒީރާ ދުންޔާ މައުމޫނުގެ އިތުބާރުނެތް ކަމުގެ ވޯޓެއް ރައްޔިތުންގެ މަޖިލިހަށް ވެއްދިޔަސް އެކަން ކާމިޔާބު ވިޔަނުދޭނެ ކަމަށް ޕީޕީއެމްގެ ނާއިބް ލީޑަރު އަދި ޓޫރިޒަމް މިނިސްޓަރ އަޙުމަދު އަދީބު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ދުންޔާގެ އިތުބާރުނެތް ކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ވައްދަން މަސައްކަތް ކުރަމުންދަނީ އެމްޑީޕީންނެވެ.
ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި އަދީބު ވިދާޅުވީ ވެރިކަން ކުރަމުންދާ ކޯލިޝަނުން ނުވަތަ ޓީމުން އެމްޑީޕީގެ މަސައްކަތް ނާކާމިޔާބުކޮށްލާނެ ކަމަށެވެ.
މިނިސްޓަރ އަދީބު ވިދާޅުވީ ޖުމްހުރީޕާޓީންވެސް މަސައްކަތް ކުރަމުން ގެންދަނީ ސަރުކާރާއެކު ކަމަށެވެ. ޖޭޕީއާއި ޕީޕީއެމްއާއި އެމްޑީއޭ ގުޅިގެން އެމްޑީޕީގެ މަސައްކަތް ފެއިލް ކޮށްލާނެ ކަމަށް އަދީބު ވިދާޅުވިއެވެ.
އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްޑޫސިޓީ މީދޫދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވީ އެޕާޓީން އެމައްސަލަ މަޖިލީހަށް ވައްދަނީ ކޮންމެހެން އެކަން ކާމިޔާބުވާނެ ކަމަށް ބަލައިގެންނޫން ކަމަށެވެ. އެކަން ކުރަނީ ގާނޫނުއަސާސީއާއި ގާނޫނުތައް ނެގެހެއްޓުމަށް މަސައްކަތް ކުރުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރާ ދުންޔާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ވައްދަނީ ޗައިނާގެ ސިލްކްރޯޑުގައި ބައިވެރިވުމަށް އިންޑިއާއާއި ޗައިނާ މަޝްވަރާ ކުރެއްވި ކަމަށް ވިދާޅުވުމުންނެވެ.
ދުންޔާ އެހެން ވިދާޅުވިޔަސް އިންޑިއާއިންވަނީ އެކަން ދޮގުކޮށްފައެވެ. އިންޑިއާއިން ބުނެފައިވަނީ ޗައިނާގެ ރައީސްގެ ދަތުރުފުޅުގައި އިންޑިއާއާ އެކު އެފަދަ އެއްވެސް ވާހަކައެއް ނުދައްކާ ކަމަށެވެ. މިމައްސަލައިގައި އެމްޑީޕީން ބުނެފައިވަނީ ދުންޔާ ވަނީ އިތުފުޅު ހައްދަވާފައި ކަމަށެވެ.
ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ ދުންޔާ ދެއްކެވި ވާހަކައާ ގުޅުވައިގެން އެމްޑީޕީން ދައްކަމުންދާ ދޮގުވާހަކަތަކުގެ ހަގީގަތް ޗައިނާގެ ރައީސަށް ދަންނަވާފައިވާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު