އަންނަ އަހަށް ހުށަހެޅި ބަޖެޓުން ޕީީޕީއެމްގެ މެނިފެސްޓޯވެސް ތަންފީޒު ނުކުރެވޭނެ- އެމްޑީޕީ
އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށަހަޅާފައިވާ ބަޖެޓުން ޕީޕީއެމްގެ މެނިފެސްޓޯގައި ރައްޔިތުންނަށް ކޮށްދޭން ބުނެފައިވާ ކަންކަންއެކަނިވެސް ތަންފީޒު ނުކުރެވޭނެ ކަަމަށް އެމްޑީޕީން މިއަދު ބުނެފިއެވެ.
ބެޖެޓާ ބެހޭގޮތުން އެޕާޓީން މިއަދު ބޭއްވި ނޫސްވެރިމްގެ ބައްދަލުވުމުގައި އެޕާޓީގެ ޗެއާޕާސަންގެ ނާއިބު މާލީ ޢަލީ ނިޔާޒު ވިދާޅުވީ އެބަޖެޓަކީ އެއްވެސް ދިމާއެއްނެތި ހުށަހަޅާފައިވާ ބަޖެޓެއް ކަމަށެވެ. 24.3 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ހުށަހެޅިޔަސް އެއީދަރިނި ބޮޑު ބަޖެޓެއް ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުން ހުށަހަޅާފައިވާ ބޮޑު ބަޖެޓުގައި ރައްޔިތުންނަށް ކޮށްދޭން ވައުދުވެފައިވާ ކަންކަން ފުއްދުމަށް ފައިސާގެ އަދަދު ލިޔެފައި ނުވާ ކަމަށެވެ. އެގޮތަށް އެހެންވީ މިސަރުކާރުން ޕްރޮގްރާމް ބަޖެޓްތަކެއް ހުށަހަޅާފައި ނުވާތީ ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ބެޔަސް ނުބެޔަސް ވައުދާއި، ދަނޑުވެރިންނަށް ފައިސާދިނުމުގެ ވައުދާއި 94 ހާސް ވަޒީފާ އުފެއްދުމުގެ ވައުދާއި ރިސޯޓުތަކުގެ މުވައްޒަފުންނަށް އެރިސޯޓަކުން ހިއްސާ ލިބިދިނުމުގެ ވައުދު ފުއްދުމަށް ބޭނުންވާ ފައިސާ ބަޖެޓުގައި ހިމަނާފައިވާތަން ނުފެންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނިޔާޒު ވިދާޅުވީ މިފަހަރުގެ ބަޖެޓުގައި އެމްޑީޕީން ސާފުކުރަން ބޭނުންވާ ބައެއް ކަންކަން އެބަހުރި ކަމަށެވެ. އެގޮތުން މާލެ އާއި ހުޅުލެއާ ދެމެދު ބްރިޖް އެޅުމުގެ ފީސިބިލިޓީ ސްޓަޑީ އަށް 77 މިލިއަން ރުފިޔާ ހިމަނާފައިވާ ކަމަށް ވިދާޅުވިއެވެ.
އެމަޝްރުޢަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކޮށްދޭ ކަމެއް ކަމަށް ސަރުކާރުން ބުނެފައިވާތީ އެ 77 މިލިއަން ރުފިޔާ ހިމަނާފައިވާ ގޮތެއް ސާފު ކުރަން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ. އަދިވެސް ވާނުވާ ނޭނގޭ ގޮތަށް ބައެއް ޢަދަދުތައް ހިމަނާފައިވާތީ އެކަންކަން އެޕާޓީއަށް އެނގެން ބޭނުންވާ ކަމަށްވެސް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އަންނަ އަހަރަށް ލަފާ ކޮށް މަޖިލީހަށް ފޮނުވާފައިވާ ބަޖެޓަކީ ސިޔާސީ މަގުސަދުތަކެއް ފުރިހަމަ ކުރުމަށް ހުށަހަޅާފައިވާ އެއްޗެއް ކަމަށެވެ. އޭގައި ޕީޕީއެންގެ މެނިފެސްޓޯއާ ގުޅުންހުރި ތަނެއްވެސް ނުފެންނަ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު