ރައްޔިތުން ސަރުކާރާއެކީ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި

image ހޯރަފުށީގެ ނަރުދަމާގެ ނިޒާމުގެ އަމަލީ މަސައްކަތް ރައީސް މިއަދު ފަށްޓަަވައިދެއްވި-ފޮޓޯ ރައީސް އޮފީސް

ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް ކެތްތެރިކަމާއި ސާބިތުކަމާއެކު ތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، ތިލަދުންމަތި އުތުރުބުރީ ހޯރަފުށީ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީ ގޮތުން ފަށްޓަވައިދެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ ރައްޔިތުން ބޭނުންވާ ކަންކަން ހުހެއް ނުވާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރައްވަނީ ހުރިހާ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ. ސަރުކާރުގެ ޚިދުމަތްތަކަކީ ވަކި ރަށަކަށް ޚާއްޞަ ކުރެއްވިފައިވާ ޚިދުމަތްތަކެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ. ހުރިހާ ޚިދުމަތްތަކެއްވެސް ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދޭންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުިވިއެވެ.

އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ، މާތް ﷲގެ ރަޙްމަތާއެކީ، ދިވެހިރާއްޖެ ދުވަހަކުވެސް ނުދެކޭ ވަރުގެ ތަރައްޤީއެއް، މި 5 އަހަރު ނިމިގެންދާއިރު ރައްޔިތުންނަށް ފޯރުކޮށްދެއްވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިދާޅުވީ ހޯރަފުށީގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ އެކިއެކި މަޝްރޫޢުތައް އެބަހުރި ކަމަށެވެ. އޭގެތެރޭގައި އެރަށުގެ އާންމު ޙާލަތު ރަނގަޅު ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއި، އިހަވަންދިއްޕޮޅު ޞަރަޙައްދަށް ޚާއްޞަކުރެވިފައިވާ "އައިހޭވަން" މަޝްރޫޢާ ބެހޭ މަޢުލޫމާތު ރައީސް ވަނީ އެރަށު ރައްޔިތުންނާ ޙިއްސާ ކުރައްވާފައެވެ.

ރާއްޖޭގެ ޞިއްޙީ ޚިދުމަތްތައް މުޅި ރާއްޖެއަށް ފެތުރިގެންދާއިރު ސަރުކާރުން ތަޢާރަފްކުރައްވާ "ޓެލެމެޑިސިން" ގެ ޚިދުމަތާއި، ސީ-އެމްބިޔުލެންސްގެ ޚިދުމަތާ ބެހޭ ގޮތުން ރައީސް ވާހަކަފުޅު ދެއްކެވިއެވެ. އަދި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އަގުހެޔޮކޮށް ބޭސް ލިބޭނެ އިންތިޒާމު، އެސް.ޓީ.އޯ މެދުވެރިކޮށް ސަރުކާރުން ހަމަޖައްސަވަމުން ގެންދަވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް