އޮޑިޓަރ ޖެނެރަލްގެ މުޅި އާއިލާއަށް މަރުގެ އިންޒާރު ދީފި
އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމް ގެ މުޅިއާއިލާއަށް މަރުގެ އިންޒާރު ދީފައިވާކަން އޭނާ ހާމަކުރައްވައިފިއެވެ.
އޮޑިޓަރ ޖެނެރަލްގެ މިޅިއާއިލާއަށް މަރުގެ އިންޒާރު ދީފައިވަނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މައްޗަށް ހިޔާނާތުގެ ތުހްމަތުކޮށްފައިވާ އޮޑިޓް ރިޕޯޓް ނެގުމާ ގުޅިގެން ކަމަށް އޭނާ ވަނީ ބައެއް މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ތުހުމަތުކުރައްވައިފައެވެ. ނަމަވެސް އެ އިންޒާރާ ގުޅޭ އިތުރު މައުލޫމާތެއް ނިއާޒު ހާމައެއް ނުކުރައްވައެވެ.
އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމް އޮކްޓޫބަރު 30 ވަނަ ދުވަހު ނެރުއްވާފައިވާ އޮޑިޓް ރިޕޯޓެއްގައިވަނީ، ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލް އިން 77.1 މިލިއަން ރުފިޔާ އަދި އެމްޓީޑީސީން އެއް މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ފަހު އެމްއެމްޕީއާރުސީން އަމިއްލަ ދެ ކުންފުންޏަކަށް ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކުރައްވައިފައެވެ.
އެމުއާމަލާތްތަކުގައި ޓޫރިޒަމް މިނިސްޓަރ އަދީބު ހިމެނި ވަޑައިގަންނަވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް އެ ތުހުމަތުތައް އަދީބު ވަނީ ދޮގުކުރައްވައިފައެވެ.
އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ތޯރިގު ހުށަހަޅުއްވައި އަޣުލަބިއްޔަތުން ފާސްކުރި އިސްލާހުގައި ބުނެފައިވަނީ ބިލް ތަސްދީގުކޮށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އޮޑިޓަ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ނަމެއް ނުވަތަ ނަންތަކެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަން ވާނެ ކަމަށެވެ.
އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމްގެ މަގާމު ގެއްލުމުގެ ފުރުސަތު ބޮޑުވާ ގޮތަށް އޮޑިޓް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ގާނޫނު އަސާސީއާ ހިލާފު ކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުވެސް ވަނީ ވިދާޅުވެފައެވެ.
އޮޑިޓަ ޖެނެރަލްގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވުމާ އެކު މިހާރު އޮޑިޓާ ޖެނެރަލެއް ނުހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވަނީ ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ހިޔާލު