އޮޑިޓް ގާނޫނަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސްޕްރީމް ކޯޓަށް ހުށަހަޅާނަން: އެމްޑީޕީ
އޮޑިޓް ގާނޫނަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސްޕްރީމް ކޯޓަށް ހުށަހެޅުމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގުރޫޕުން ނިންމައިފިއެވެ.
އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހަށް މަހިބަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހްމަދު ތޯރިގު ހުށަހަޅުއްވައި އަޣުލަބިއްޔަތުން ފާސްކުރި އިސްލާހުގައި ބުނެފައިވަނީ ބިލް ތަސްދީގުކޮށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި އޮޑިޓަ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ނަމެއް ނުވަތަ ނަންތަކެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވަން ވާނެ ކަމަށެވެ.
އޮޑިޓަ ޖެނެރަލް ނިޔާޒު އިބްރާހިމްގެ މަގާމު ގެއްލުމުގެ ފުރުސަތު ބޮޑުވާ ގޮތަށް އޮޑިޓް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ގާނޫނު އަސާސީއާ ހިލާފު ކަމަށް މަޖިލީހުގެ ކުރީގެ ރައީސް އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދުވެސް ވަނީ ވިދާޅުވެފައެވެ.
ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބުގެ މައްޗަށް ހިޔާނަތުގެ ތުހުމަތުތައް ކުރެވޭ އޮޑިޓް ރިޕޯޓުގައިވާ ތާރީހުތަކަށް ބަލާއިރު، ނާޖާއިޒް ގޮތުގައި ނެގި ފައިސާ ބޭނުން ކޮށްފައިވަނީ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށާއި މަޖިލިސް މެމްބަރުން ޕީޕީއެމަށް ގެންދިއުމަށް ކަމަށް އެމްޑީޕީން ވަނީ ތުހުމަތު ކޮށްފަ އެވެ.
އޮޑިޓަ ޖެނެރަލްގެ ގާނޫނަށް ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން ތަސްދީގު ކުރެއްވުމާ އެކު މިހާރު އޮޑިޓާ ޖެނެރަލެއް ނުހުންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ލޯޔަރު ވައްޑެ) ވަނީ ވިދާޅުވެފައެވެ.
އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމް އޮކްޓޫބަރު 30 ވަނަ ދުވަހު ނެރުއްވާފައިވާ އޮޑިޓް ރިޕޯޓެއްގައިވަނީ، ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލް އިން 77.1 މިލިއަން ރުފިޔާ އަދި އެމްޓީޑީސީން އެއް މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ފަހު އެމްއެމްޕީއާރުސީން އަމިއްލަ ދެ ކުންފުންޏަކަށް ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކުރައްވައިފައެވެ.
އެމުއާމަލާތްތަކުގައި ޓޫރިޒަމް މިނިސްޓަރ އަދީބު ހިމެނި ވަޑައިގަންނަވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ނަމަވެސް އެ ތުހުމަތުތައް އަދީބު ވަނީ ދޮގުކުރައްވައިފައެވެ.
ކިޔުންތެރިންގެ ހިޔާލު