ސީޕީ ޙުސައިން ވަޙީދާއި، އޭސީޕީ އަރީފް މޮނާކޯއަށް

image ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު އަދި އެސިސްޓެންޓް ކޮމިޝަނަރ އޮފް އަޙްމަދު ޢަރީފް-ފޮޓޯ ޕޮލިސް

ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) ޙުސައިން ވަޙީދާއި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭސީޕީ) އަޙުމަދު އަރީފް މޮނާކޯއަށް ފުރައި ވަޑައިގެންފިއެވެ.

މިދެބޭފުޅުން އެގައުމަށް ވަޑައިގަންނަވަނީ އިންޓަރޕޯލްގެ 83 ވަނަ ޖެނެރަލް އެސެމްބްލީގައި ބައިވެރިވަޑައިގަތުމަށްޓަކައެވެ.

މިބައްދަލުވުން އޮންނާނީ ނޮވެމްބަރ މަހުގެ 3 އިން 7 އަށެވެ. ފުލުސް އޮފީހުން ބުނެފައިވާ ގޮތުގައި އެންމެ މުހިއްމު އެއް ކަމަކަށް މި ބައްދަލުވުމުގައި އޮންނާނީ އިންޓަރނޭޝަނަލް ޕޮލިސް ކްރައިމް ކޯޕަރޭޝަނަށް 100 އަހަރު ފުރުމުގެ މުނާސަބަތުގައި ޤައުމުތަކުން ގުޅިގެން ކުރާނެ ކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރުން ކަމަށެވެ.

މިއަހަރުގެ ޝިޢާރު ކަމުގައިވާ، "ޓާން ބެކް ކްރައިމް" ގެ ދަށުން ޤައުމު ތަކުގައި ރާވައި ހިންގާނެ ޙަރަކާތްތަކާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރައްވާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މިބައްދަލުވުމުގައި ބައިވެރިވާ މެމްބަރު ޤައުމުތަކުން އެ ޤައުމުތަކުގައި ސަލާމަތީ ޚިދުމަތްދޭ ފަރާތްތަކާ ޢާއްމު ފަރުދުންނާ އެހެނިހެން ޖަމާޢަތްތައް ގުޅިގެން ކުށްމަދު ވެއްޓެއް ޤާއިމް ކުރުމަށް ކުރެވެން ހުރި ކަންކަމާ ބެހޭގޮތުންވެސް މަޝްވަރާ ކުރާނެ ކަމަށް ފުލުސް އޮފީހުން ބުނެފައިވެއެވެ.

މީގެ އިތުރުން ޤާނޫނު ތަންފީޒް ކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމާއި އެކަމަށް ބޭނުންވާ އެކިއެކި ސްޓްރެޓެޖީތައް އެކަށައެޅުމާއި ޓެކްނޮލިޖީގެ އެހީތެރިކަން ބޭނުންކޮށްގެން ބޮޑެތި ކުށްތައް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން ކުރެވޭނެ ކަންކަމާމެދުވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނެ ކަމަށްވެސް ބުނެފައިވެއެވެ.

ޤައުމުތަކުގައި ހިނގާ ބޮޑެތި ކުށްތައް ހުއްޓުވުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢު ގުޅިގެން މިހާރަށްވުރެ ހަރުދަނާ ކަމާއެކު ކުރެވޭނެ ކަންކަމާމެދު މަޝްވަރާކޮށް އެފަދަ މަސައްކަތްތައް ގެންދެވޭނެ ގޮތުގެ އުޞޫލުތަކެއްވެސް މިބައްދަލުވުމުގައި ކަނޑައެޅިގެންދާނެއެވެ.

މިއެސެމްބަލީގައި އިންޓަރޕޯލްގެ މެމްބަރު ޤައުމުތަކުގެ ދާޚިލީ ވަޒީރުންނާ ޕޮލިސް ފޯސްތަކުގެ އެންމެ އިސްވެރިންނާއި އިންޓެލިޖެސް ޑިޕާޓްމަންޓުތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް