ޑިންގީއަކުން ދަތުރުކުރި ތޭރަ މީހަކު ސަލާމަތް ކޮށްފި

ހުވަދުއަތޮޅު ދެކުނުބުރީ ވާދޫއިން ފުރައިގެން އެއަތޮޅު ތިނަދޫއަށް ދަތުރުކުރި ޑިންގީއެއްގައި ތިބި 13 މީހުން އެމްއެންޑީއެފުން މިއަދު ސަލާމަތް ކޮށްފިއެވެ.
އެ ޑިންގީގައި ތިބީ 8 އަންހެނުންނާއި 4 ފިރިހެނުންނާއި 1 ކުޑަކުއްޖެއް ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެއެވެ. އެޑިންގީގައި ތިބި މީހުން ހާލުގައި ޖެހިފައި ތިއްބާ ސިފައިން އެމީހުން ސަލާމަތް ކޮށްފައިވަނީ އެއަތޮޅު "ކެރަމިއްތާ" ކިޔާ ފަޅުރަށެއްގެ ކައިރިންނެވެ.
މިއަދު ހިނގި މިހާދިސާގައި އެއްވެސް މީހަކަށްވެސް އަދި ޑިންގީއަށްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އެމްއެންޑީއެފްއިން ބުނެފައިވަނީ އެޑިންގީގައި ސަލާމަތީ އެއްވެސް ކަމެއް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. އަދި އޭގައި "ނަމެއް ރަޖީސްޓްރީ ނަންބަރެއްވެސް ޖަހާފައި" ނުވާ ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
އެމްއެންޑީއެފްގެ ބެލުމުގެ ދަށުން އެ ޑިންގީއާއި ޑިންގީ ދުއްވި މީހާ މިހާރުވަނީ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނާ ހަވާލުކޮށްފައެވެ. އެއިން ދަތުރުކުރި މީހުންވެސްވަނީ އެރަށަށް ގެންގޮސްފައި ކަމަށް ސިފައިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު