އަދީބު މާލީ ބަޔާން ހުށަނާޅުއްވާތީ އޮޑިޓަރ ޖެނެރަލް ކަންބޮޑުވުން ފާޅުކުރައްވައިފި
ޓޫރިޒަމް މިނިސްޓަރ އަހުމަދު އަދީބު މާލީ ބަޔާން ހުށަނާޅުއްވާތީ އޮޑިޓަރ ޖެނެރަލް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އޮޑިޓަ ޖެނެރަލް ނިޔާޒް އިބްރާހީމް އިއްޔެ ނެރުއްވާފައިވާ އޮޑިޓް ރިޕޯޓެއްގައިވަނީ، ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލް އިން 77.1 މިލިއަން ރުފިޔާ އަދި އެމްޓީޑީސީން އެއް މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ފަހު އެމްއެމްޕީއާރުސީން އަމިއްލަ ދެ ކުންފުންޏަކަށް ދޫކުރުމުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތުކުރައްވައިފައެވެ.
އެމުއާމަލާތްތަކުގައި ޓޫރިޒަމް މިނިސްޓަރ އަދީބު ހިމެނި ވަޑައިގަންނަވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
" މުއާމަލާތްތައް ހިންގުމަށް މިނިސްޓަރު އޮފް ޓޫރިޒަމް ބާރު އަޅުވާފައިވާ ކަމަށް މި މުއާމަލާތުތަކާ ގުޅޭ ލިޔެކިޔުންތަކުން ފާހަގަ ކުރެވެ އެވެ،"
އެމްޕީއެލް އިން އާއި އެމްޓީޑީސީން އެ ފައިސާ ދީފައިވަނީ މިލީނިއަމް ކެޕިޓަލް މެނޭޖްމަންޓާ ޕްރައިވެޓް ލިމިޓެޑް ކިޔާ ކުންފުންޏަކަށް ކަމަށް އެ ރިޕޯޓުގައި ފާހަކަ ކޮށްފައިވެއެވެ. އަދި އެމްއެމްޕީއާރުއެސް އަށް އެމްޓީސީސީން އެއް މިލިއަން ޑޮލަރުގެ ލޯނެއް ނެގީ ޓޫރިޒަމް އިޝްތިހާރުކުރުމަށް ބޭރުގެ ފަރާތަކަށް ވަރަށް އަވަހަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް ކަމަށް ބުނެފައެވެ. އަދި އެ ފައިސާ އިތުރު އިންޓަރެސްޓާއެކު 1.10 މިލިއަން ޑޮލަރު މެއި 15 ގައި އެމްއެމްޕީއާރުސީން ދެއްކިއެވެ. ނަމަވެސް އެ ފައިސާ ބޭނުންކޮށްފައިވަނީ ނެގި މަގުސަދާ ހިލާފަށް ކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.
ފައިސާ ހޯދީ ޓޫރިޒަމް އިޝްތިހާރު ކުރުމަށް ބޭރުގެ ފަރާތްކަށް ދެއްކުމަށް ކަމަށް ބުންޏަސް އެ މުއްދަތުގައި ޓޫރިޒަމް އިޝްތިހާރު ކުރަން ފައިސާއެއް ދައްކަން ޖެހިފައި ނެތް ކަމަށް އޮޑިޓަ ޖެނެރަލް ފާހަގަ ކުރެއްވި އެވެ. އެހެންވެ އެއީ މޮންޓިލިއަން އަށް ދިނުމަށް އެމްއެމްޕީއާރުސީން ހޯދި ފައިސާ ކަމަށް ގަބޫލުކުރެވޭ ކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.
މޮންޓިލިއަން އަކީ އަދީބު މިނިސްޓަރަކަށްވުމުގެ ކުރިން އޭނާގެ 35 ޕަސެންޓް ހިއްސާ އޮންނަ ކުންފުންޏެކެވެ. ނަމަވެސް ފަހުން އެ ހިއްސާ އަދީބުގެ ބައްޕަގެ ނަމަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.
މި ތުހުމަތުތައް އަދީބުގެ މައްޗަށް ކުރާއިރު، މާލީ ބަޔާން ވެސް އޭނާ ހުށަނާޅުއްވާ ކަމަށާއި އަދި ޓޫރިޒަމް މިނިސްޓްރީން ދޭންޖެހޭ މައުލޫމާތުތައް ވެސް އޮޑިޓަ ޖެނެރަލަށް ނުދެއްވާ ކަމަށް ރިޕޯޓްގައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު