މެމްބަރުންނަށް ސެކިއުރިޓީ ދިނުން ހުއްޓައިލުމަކީ ބިރުދެއްކުމުގެ ގޮތުންކުރި ކަމެއް:އެމްޑީޕީ
ރައްޔިތުން މަޖިލީހުގެ މެމްބަރުންނަށް ސެކިއުރިޓީ ދިނުން ހުއްޓައިލުމަކީ ބިރު ދެއްކުމުގެ ގޮތުން ކޮށްފައިވާކަމެއް ކަމަށް އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ތުހުމަތުކޮށްފިއެވެ.
އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މަޖިލީހުގެ މެމްބަރުންގެ ސިކިއުރިޓީ ނުބަލަހައްޓަނީ ސަރުކާރުންނާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު، މެމްބަރުންނަށް އްކާތެރިކަން ހޯއްދަވައި ދެއްވުމަށް މަސައްކަތް ނުކުރައްވާތީކަމަށެވެ. ނަމަވެސް މަޖިލީސް މެމްބަރުންގެ ރައްކާތެރިކަން ބެލެހެއްޓުމަކީ ގާނޫނު އަސާސީން ލާޒިމުކޮށްފައިވާ ކަމެއްކަމަށްވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
"އަދި އެކަމަކީ އިދިކޮޅު ސިޔާސީ ޕާޓީ ކަމުގައިވާ އެމްޑީޕީގެ މެމްބަރުންނާ، ރައްޔިތުން ހަވާލުކޮށްފައިވާ ގާނޫނީ ވާޖިބު މިނިވަންކަމާ އެކު އަދާކުރެއްވުމަށް ހުރަސްއަޅުއްވައި ބިރުދެއްކެވުމުގެ ގޮތުން ކުރައްވާ ކަމެއް ކަމުގައި ދެކެން. އެހެންކަމުން އެކަން އެގޮތަށް ނުކުރެއްވުމަށާއި އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށާއި އެންމެހައި ރައްޔިތުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދެއްވުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި ރައީސަށް މި ޕާޓީން ގޮވާލަން،" އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.
މެމްބަރުންނަށް ސެކިއުރިޓީ ދޭން ފަށާފައިވަނީ، ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ބްލެކް ލިސްޓު ކޮށްފައިވާ ދެ ކުށްވެރިއަކު މާފުށީ ޖަލު ފަޅާލައިގެން މީގެ ހަފްތާއެއް ކުރިން ފިލުމާއި ގުޅިގެންނެވެ. ނަމަވެސް މެމްބަރުންނަށް ސެކިއުރިޓީ ދިނުން ހުއްޓާލާފައިވަނީ އެ ދެކުށްވެރިން ފެނުމާއެކުއެވެ.
ކިޔުންތެރިންގެ ހިޔާލު