ހުޅުމާލޭގައި ގެސްޓްހައުސް ހިންގާ ފަރާތްތަކާ ފުލުހުން މަޝްވަރާ ކޮށްފި

image ހުޅުމާލޭގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކާއެކު ފުހުހުން ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: ހުޅުމާލެ ޕޮލިސް

ހުޅުމާލޭގައި އުޅޭ ފަތުރުވެރިންނަށް ރައްކާތެރި މާހައުލެއް ގާއިމްކޮށް ދިނުމަށް ކުރެވިދާނެ ކަންކަމާބެހޭ ގޮތުން ހުޅުމާލޭގައި ގެސްޓްހައުސްތައް ހިންގާ ފަރާތްތަކާ ފުލުހުން މަޝްވަރާ ކޮށްފިއެވެ.

މިމަޝްވަރާތައް ބާއްވާފައިވަނީ މި އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހު ހެނދުނު ޣާޒީ ސްކޫލުގެ ކޮމަން ރޫމްގައެވެ. މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވަނީ ހުޅުމާލޭގައި ފަތުރުރުވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމަށް، ހުޅުމާލޭގައި ގެސްޓް ހައުސް ހިންގާ ފަރާތްތަކާއި ފުލުހުން ގުޅިގެން މަސައްކަތްކުރުމާގުޅޭ ގޮތުންނެވެ.

ފަތުރުރުވެރިންނަށް ރައްކާތެރި މާހައުލެއް ކަށަވަރުކުރުމަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި ދެފަރާތުންވެސް މަޝްވަރާ ކޮށްފައިވެއެވެ. އަދި ގެސްޓް ހައުސް ހިންގާ ފަރާތްތަކާއި ފުލުހުން ގުޅިގެން ކުރެވިދާނެ ކަންކަން ފާހަގަކޮށް މަޝްވަރާ ކޮށްފައިވާ ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ. އެގޮތުން ގެސްޓް ހައުސްތައް ހިންގާ ފަރާތްތަކުން އެ ތަންތަނުގެ ވަށައިގެންވާ މަގުތައް އަލިކޮށް ބޭއްވޭނެ އިންތިޒާމު ހަމަޖެއްސުމާއި ފަތުރުވެރިންނަށް ޚިދުމަތް ދިނުމުގައި ހެދިފައިވާ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ޚިދުމަތް ފޯރުވާދިނުމާ ބެހޭގޮތުންވެސް ވާހަކަ ދައްކާފައިވެއެވެ.

ހުޅުމާލޭގައި ހިންގާ ކުށްތައް މަދުކޮށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ގެސްޓް ހައުސް ހިންގާ ފަރާތްތަކުން ފުލުހުންނަށް އެހީތެރި ވެވިދާނެ ގޮތްތަކާގުޅޭ ގޮތުންނާއި ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅިދާނެ ފިޔަވަޅު ތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކޮށްފައިވެއެވެ.

މި ބައްދަލު ވުމުގައި ގެސްޓް ހައުސް ހިންގާ 18 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement