ޖަލުން ފިލައިގެންއުޅުނު ޝަހުމުވެސް އަތުލައިގެންފި

image ޝަހުމް-ފޮޓޯ ޕޮލިސް

މާފުށީ ޖަލުން ފިލައިގެން އުޅުނު ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމެވެސް މިރޭ އަތުލައިގެންފިއެވެ.

މަޢުލުމާތު ލިބިފައިވާ ގޮތުގައި ފުލުހުން މިރޭ ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި އޭނާ އަތުލައިގެންފައިވަނީ އަލިމަސްމަގުގައި ހުންނަ މިޑްނައިޓް ގެސްޓް އިންނެވެ.

އޭނާ ހައްޔަރު ކުރުމުގައި އޭނާގެ ގަޔަށް ބަޑިޖެހި ކަމަށްވެސް އަޑު ފެތުރިގެންދިޔައެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށް ފުލުހުން ކަށަވަރު ކޮށްދީފައިވެއެވެ.

ހޯމްމިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވީ މި އޮޕަރޭޝަނުގައި ބައިވެރިވީ ފުލުހުން އެކަނި ކަމަށެވެ. އެއްވެސް ކަހަލަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ނުކުރާ ކަމުގެ ޔަގީންކަން މިނިސްޓަރ ދެއްވިއެވެ. އަދި އެއްވެސް ކަހަލަ ހަތިޔާރެއް ބޭނުންކުރި ކަމަށްވާނަމަ އެކަންވެސް ރައްޔިތުންނާ ހިއްސާ ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ޝަހުމް ހައްޔަރު ކޮށްފައިވަނީ ގެސްޓްހައުސްއިން ނުކުމުގެން ފިލަން އުޅެނިކޮށް މާވެޔޮ މަގުން ކަމަށްވެސް މަޢުލޫމާތު ލިބިފައިވެއެވެ.

އޭނާ ފިލަން އުޅުނީ ސްވޮޓް ޓީމް ގެސްޓްހައުސްއަށް ވަނުމުންނެވެ. ފިލަން ވެގެން އޭނާވަނީ ޖެހިގެންހުރި ގޭގެ ފުރާޅުމައްޗަށް ފުންމާލައިފައެވެ. ނަމަވެސް އޭނާއަށް އެކަމުން އަނިޔާއެއް ލިބުނުކަމެއްވެސް އަދި ނުލިބޭ ކަމެއްވެސް ފުލުހުން ނުބުނެއެވެ. އޭނާ އަތުލުމަށްފަހު އޭނާ ފިލުވުމަށް އެހީތެރިވި ބަޔަކު ނުވަތަ މީހަކު ހައްޔަރު ކުރުމުން ފުލުހުން ބުނީ އިތުރު މައުލުމާތު މާދަމާ ދޭނެ ކަމަށެވެ.

ޝަހުމްއާ އެކު ޖަލުން ފިލި ގއ. މާމެންދޫ، ޖަވާހިރުވާދީ، ފަރިޔާޝް އަޙުމަދު ފުލުހުން އަތުލައިގެންފައިވަނީ އިއްްޔެއެވެ.

ހޯމްމިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވީ އެދެމީހުންނަކީވެސް ނުރައްކާތެރި ކުށްވެރިންގެ ތެރޭގައި ހިމެނޭ ދެމީހުން ކަމަށެވެ. އެހެން ކަމުން އެމީހުން ހޯދުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދިޔައީ ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން ކަމަށެވެ.

ޝަހުމު އަތުލައިގަތުމުގައި ފުލުހުން ހިންގި އޮޕަރޭޝަނުގައި ނިންމި ކަންކަމަށް ރައީސް ޔާމީން ތާއިދު ކުރައްވައި އެއްބާރުލެއްވުން ދެއްވި ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް