މާލެއިންނާއި މުލަކުން މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރު ކޮށްފި
މުލަކަތޮޅު މުލަކުގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތަކަކާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ މިމަހުގެ 19 ވަނަ ދުވަހުގެރޭ 20.00 ގައެވެ. ފުލުހުން އަތުލައިގަތް މީހާއަކީ އުމުރުން 21 އަހަރުގެ ފިރިހެނެކެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓްތައް ފެނިފައިވަނީ އޭނާ އެއްލައިލި ކަރުދާސްކޮޅެއްގެ ތެރެއިންނެވެ. އޭގެތެރޭގައި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކުޑަ 5 ރަބަރު ޕެކެޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އަދި އޭނާގެ ހަށިގަނޑު ބަލައިފާސްކުރިކުރުމުން އޭނާ ލައިގެންހުރި ސޯޓުގެ ޖީބުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި މ. މުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އިން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤް ކުރިއަށް ގެންދިޔުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ.
މީގެ އިތުރަށް ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތްކުރާ ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ވަނީ ރޭ ދަންވަރު ބާރަގަޑި ބައި ގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 33 އަހަރުގެ ފިރިހެނެކެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިކުރުމުން އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅަކާއި ބްލެޓް ސައިޒްގެ 2 ރަބަރު ޕެކެޓާއި ފިލްމް ހުސްކުރި ދަޅެއްގެ އިތުރުން މަނާކުރެވިފައިވާ ބޭސްގުޅަތަކެއް ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
މި މައްސަލައިގާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހަކީ 06 ފަހަރު ހުއްޓުވައި ބަލައިފާސްކޮށް 06 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ މީހެކެވެ. އޭނާގެ މައްޗަށް ދަޢުވާކުރުމަށް 1 މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހާއަކީ މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.
މި ދެ މައްސަލަ ޑްރަގް އެންޑްފޯސްމަންޓް ޑިޕާރޓްމަންޓުން ދަނީ ތަހުޤީގް ކުރަމުން ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު