މާފުށީ ޖަލުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފި
މިރެއިން ފެށިގެން މާފުށީޖަލުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި މިގޮތަށް ހަމަޖެއްސީ ޖަލުގެ ސަލާމަތީ ކަންކަން މިހާރަށްވުރެ ހަރުދަނާ ކުރުމަށެވެ.
ފުލުހުން ހަރަކާތްތެރިވާނީ ޖަލުގައި މަސައްކަތްކުރާ ކަރެކްޝަނަލް ސާރވިސްގެ މުވައްޒަފުންނާއެކުގައި ކަމަށްވެސް ފުލުހުން ހާމަކޮށްފައިވެއެވެ.
ފުލުހުން ބުނެފައިވަނީ ޖަލުބަލަހައްޓާ ކަރެކްޝަނަލް ސާރވިސްގެ މުވައްޒަފުންނަށް އެހީތެރިވާން ޖެހިއްޖެ ޙާލަތެއްގައި އެހީވުމަށްޓަކައި ފުލުހުންގެ އިތުރު ޓީމެއް މާފުށީގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ.
ފުލުހުން މިފިޔަވަޅު އަޅާފައިވަނީ މުޖުތަމަޢަށް ނުރައްކާތެރި 2 ކުށްވެރިން ކަމުގައިވާ ކ. މާލެ، ގ. ކޯޒީ އިބްރާހީމް ޝަހްމު އާދަމް އާއި ގއ. މާމެންދޫ، ޖަވާހިރުވާދީ ފަރިޔާޝް އަޙްމަދު ޖަލުން ފިލައިފައިވާ ދަނޑިވަޅެއްގައެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދިފައިވާތީ ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދީ ހަމަޖެހުން ގެނެސްދިނުމަށް ފުލުހުންނާ ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުން ގުޅިގެން މަސައްކަތްތަކެއް ކުރަން މަޝްވަރާ ކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
"މިމަޝްވަރާތަކާއެކު ނިންމާފައިވަނީ މާފުށި ޖަލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ކަރެކެޝަނަލް ސަރވިސްގެ މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ޙާލަތްތަކުގައި އެހީތެރިވެދިނުމުގައި ފުލުހުން މަސައްކަތް ކުރުމަށެވެ."
ޖަލުން ފިލާފައިވާ ދެ ކުށްވެރިން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ކަރެކްޝަނަލް ސަރވިސްގެ މުވައްޒަފުންގެ އިތުރުން ސިފައިން ގުޅިގެންދަނީ މަސައްކަތް ކުރަމުންނެވެ.
މި މަސައްކަތުގެ ދަށުން މާލެ އަތޮޅުގެ ބައެއް ރަށްރަށާއި މާލޭގެ ބައެއް ސަރަޙައްދުތައް ބަލައި ފާސްކުރުމުގެ އިތުރުން ކޯޓުއަމުރުގެ ދަށުން ބައެއް ގޭގެވެސް ދަނީ ބަލައި ފާސްކުރަމުން ކަމަށް ފުލުހުންވަނީ ބުނެފައެވެ. އަދި އެއްގަމު ދަތުރުކުރާ އުޅަނދުތަކާއި ކަނޑު ދަތުރުފަތުރުކުރާ ބައެއް އުޅަނދުފަހަރުވެސްދަނީ ބަލައި ފާސްކުރަމުންނެވެ.
ކިޔުންތެރިންގެ ހިޔާލު