ގައިދީން ފިލީ އެމީހުން ވައްތަރުގެ ދެ ބުދު ގޮޅީގައި ބާއްވާފައި: އުމަރު

image

މާފުށީޖަލުން ހުކުރުދުވަހު ފިލި ދެ ގައިދީން ފިލާފައިވަނީ، ޖަލުގެ ބޯ ގުނާ މީހުންނަށް އޮޅުވާލުމަށް އެމީހުން ވައްތަރުގެ ދެ ބުދު (ޑަމީ) ހެދުމަށްފަހު ޖަލުގައި ބާއްވާގެން ކަމަށް ހޯމް މިނިސްޓަރ އުމަރު ނަސީރު ހާމަކުރައްވައިފިއެވެ.

ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގުރާމުގައި ވާހަކަ ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ މިދިޔަ ހުކުރު ދުވަހުގެރޭ ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމާއި ގއ. މާމެންދޫ ޖަވާހިރުވާދީ ފަރިޔާޝް އަހުމަދު މާފުށީ ޖަލުން ފިލާފަައިވާ ވަނީ ޑަމީ ޖެއްސުމަށްފަހު ކަމަށެވެ. 

އެމީހުން ފިލުމުގެ ކުރިން އެމީހުން ތިބި ގޮޅީގައި ބާލީހަކަށް ގަމީސް ލައްވާފައި ބޮލެއް ހެދުމަށްފަހު ބިއްދަށަށް އެނބުރިގެން ތިބޭގޮތަށް ވަނީ ބައިތިއްބާފައެވެ. ހުކުރު ދުވަހުގެ ރޭ ގޮޅިތަކުގައި ތިބި ގައިދީންގެ ބޯ ގުނިއިރު އެމީހުން ޖަލުގައި ތިބިކަމަށް ނިންމީ އެމީހުން ހަދާފައި ދިޔަ ދެ ބުދުގެ ބޯގުނުމަށްފަހު ކަމަށް އުމަރު ނަސީރު ވަނީ ވިދާޅުވެފައެވެ.

ނަމަވެސް މިހާރު ޖަލުގައި ތިބޭ މީހުންގެ ބޯގުނާއިރު އެމީހުން ގޮޅިތަކުގައި ތިބިކަމަށް ނިންމަނީ ހަރަކާތެއް ގެނައުމުން ކަމަށް ހޯމް މިނިސްޓަރ ވިދާޅުވިއެވެ.  

ޖަލުން ފިލާފައިވާ ދެ ގައިދީންނަމީ ނުރައްކާތެރި ކުށްވެރިންގެ ގޮތުގައި ފުލުހުން ބްލެކްލިސްޓުކޮށްފައިވާ ދެ ގައިދީންނެވެ. ދެމީހުން ވެސް ޖަލުގައި ގެންދިޔައީ 25 އަހަރުގެ ހުކުމެއް ތަންފީޒު ކުރަމުންނެވެ. 

ޝަހުމް ޖަލަށް ލާފައިވަނީ، 2010 ވަނަ އަހަރު މާޒިޔާ ދަނޑު ކައިރީގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިނަށް ހަމަލާދީ މަރާލި މައްސަލައާ ގުޅިގެންނެވެ. ފަރިޔާޝް އަކީ ގއ. މާމެންދޫގައި 2006 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި މަރުވި ގއ. ވިލިނގިލީ ކަނޑުއޮޅި މުހައްމަދު ޝިހާބުގެ ގާތިލުންގެ ތެރޭގައި ހިމެނޭ މީހެކެވެ.

މި ދެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް