ފަތުހު ޖަމާއަތުގެ އެމްޑީ ބަލި ހާލަތު ހުރިގޮތުން މިނިވަންކޮށްފި
ފަތުހު ޖަމާއަތުގެ މެނޭޖިން ޑިރެކްޓަރ (އެމްޑީ) މ. އެކްސަލް، މުހައްމަދު މުސްތަފާގެ ބަލި ހާލަތުހުރިގޮތުން އޭނާ ފުލުހުންގެ ބަނދުގައި ނުބަހައްޓައި މިނިވަން ކުރުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.
އޭނާގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ފުލުހުން ރޭ ކްރިމިނަލް ކޯޓަށް ހުށަހެޅިއެވެ. އެހެން ނަމަވެސް ކޯޓުން ނިންމީ އޭނާ ދޫކޮށްލާށެވެ. މީގެ ކުރިން ތިން ފަހަރެއްގެ މަތިން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވެއެވެ.
ފުލުހުން ބުނެފައިވަނީ މުސްތަފާ މިވަގުތު ހުރީ "ރާއްޖެ އިން ދެވެން ނެތް ފަރުވާއެއް ހޯދުމަށް އޭނާ ރާއްޖޭން ބޭރުގައި" ކަމަށެވެ. ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓައި ވެސް އޭނާ ބަލިވެގެން އޭޑީކޭގައި ފަރުވާދީފައިވެއެވެ.
ސެޕްޓެމްބަރު މަހުގެ ތެރޭގައި އޭނާ ހައްޔަރުކޮށްފައިވަނީ އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ކޯޓާއަށް ވުރެ އިތުރަށް މީހުން ހައްޖަށް ގެންދިއުމަށް ފައިސާ ނެގިމައްސަލައިގައިއެވެ. ފަތުހު ގުރޫޕުން ފައިސާ ނެގި މީހުން މިއަހަރު ހައްޖަށް ގެންގޮސްފައިވަނީ ދިވެހި ސަރުކާރުގެ ހަރަދުގައިއެވެ.
މިފަދަ މައްސަލައެއްގައި 2012 ވަނަ އަހަރު މަލީޝާ ހައްޖު ގުރޫޕުގެ ވެރިއާ އަބްދުލް ލަތީފް ވެސް ހައްޔަރު ކޮށްފައިވެއެވެ. ހައްޖަށް ގެންގޮސް ދޭނެ ކަމަށް ބުނެ 126 މީހެއްގެ އަތުން 8.6 މިލިއަން ރުފިޔާ އޭނާ ނަގާފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު