ޖަލުން ފިލި ދެ ގައިދީން ހޯދުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފި
ގ. ގޯޒީ އިބްރާހީމް ޝަހުމް އާދަމް 23، އާއި ގއ. މާމެންދޫ ޖަވާހިރު ވާދީ. ފަރިޔާޝް އަހުމަދު 26، ޖަލުން ފިލުމާގުޅިގެން އެ ދެމީހުން ހޯދުމަށް ފުލުހުން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ފުލުހުން ބުނީ އެ މުއައްސަސާގެ ކަރެކްޝަނަލް ސާވިސްއާ ވެސް ގުޅިގެން ހާއްސަ ބޮޑު އޮޕަރޭޝަނަކާއި ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
އެ ދެމީހުން ފިލުމާ ގުޅިގެން ފުލުހުން ރެއިން ފެށިގެން ގެންދަނީ މާފުށީގެ އެކި ސަރަހައްދުތައް ވެސް ބަލައި ފާސްކުރަމުންނެވެ.
ޝަހުމް 25 އަހަރަށް ޖަލަށް ލާފައިވަނީ، 2010 ވަނަ އަހަރު މާޒިޔާ ދަނޑު ކައިރީގައި މ. ބިއުޓީފްލާވާ މުހައްމަދު ހުސައިނަށް ހަމަލާދީ މަރާލި މައްސަލައާ ގުޅިގެންނެވެ. ފަރިޔާޝް އަކީ ގއ. މާމެންދޫގައި 2006 ވަނަ އަހަރު ހިންގި މާރާމާރީއެއްގައި މަރުވި ގއ. ވިލިނގިލީ ކަނޑުއޮޅި މުހައްމަދު ޝިހާބުގެ ގާތިލުންގެ ތެރޭގައި ހިމެނޭ މީހެކެވެ.
މި ދެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ހިޔާލު