ފުލުހުންގެ ތަމްރީނާއި ހުނަރު ހެޔޮގޮތުގައި ހިފުމަށް އެދިވަޑައިގެންފި
ރައްޔިތުންނަށް ޚިދުމަތް ކުރުމުގައި ލިބިފައިވާ ތަމްރީނާއި ހުނަރުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ކޮމިޝަނަރ އޮފްޕޮލިސް ފުލުހުންގެ ކިބައިން އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ސްރީލަންކާގެ އެސްޓީއެފް ޕޮލިސް ޓްރެއިނިންގ ސްކޫލުން ހިންގި ފަޔަރ އާމްސް ކޯސް ފުރިހަމަ ކުރި ފުލުހުންނާ މިއަދު ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. އެމަނިކުފާނު ވިދާޅުވީ މިފަދަ ކޯސްތަކުން ލިބޭ ހުނަރުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރަންޖެހޭނެ ކަމަށެވެ.
އިސްކަންދަރު ބިލްޑިންގގައި މިއަދު ބޭއްވި މި ބައްދަލުވުމުގައި ޙުސައިން ވަޙީދު ވިދާޅުވީ ފުލުހުންނަށް ބޭނުންވާ ތަމްރީނާއި ތަޢުލީމުގެ ފުރުސަތުތައް ހޯދައި ފުލުހުން ތަމްރީން ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ ފުލުހުންގެ ސްޓްރެޓީޖިކް ޕްލޭންގައިވާ ލަނޑުދަނޑިތައް ހާސިލްކޮށް ފުލުހުންގެ ދައުރު އަދާކުރުމަށް ޤާބިލް ފުލުހުން އުފެއްދުން ކަމަށެވެ.
ކިޔެވުމުގެ މިފަދަ ފުރުސަތުތައް ފުލުހުން ލިބިގެން ދަނީ ފުލުހުންނަކީ ތަޢުލީމީ ޤާބިލްބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގެ ސަބަބުން ކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ. މިގޮތަށް ލިބޭ ފުރުސަތުތަކުގައި ފުލުހުން ބައިވެރިވެ ތަމްރީން ފުރިހަމަކުރާކަމަށްޓަކައި އުފާކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
މި އަހަރުގެ ސެޕްޓެމްބަރު 8 އިން އޮކްޓޯބަރ 4 ވަނަ ދުވަހުގެ ނިޔަލަށްް ސްރީލަންކާގެ އެސްޓީއެފް ޕޮލިސް ޓްރެއިނިންގ ސްކޫލުގައި ހިންގި ފަޔަރއާމްސް ކޯހުގައި 31 ފުލުހަކު ބައިވެރިވެފައިވެއެވެ.
ކިޔުންތެރިންގެ ހިޔާލު