ރިޟްވާން ގެއްލުނު މައްސަލަ އައިޕީޔޫގެ ސަމާލުކަމަށްގެނެސްފި
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެއްލުނު މައްސަލަ އިންޓަ ޕާލަމެންޓްރީ ޔޫނިއަން (އައިޕީޔޫ)ގެ ހިޔުމަން ރައިޓް ކޮމެޓީގެ ސަމާލު ކަމަށް އައިޕީޔޫގެ އަންހެނުންގެ ކޮމެޓީއަށް އޭޝިއާ ޕެސިފިކުން އައްޔަނުކޮށްފައިވާ މެންބަރު އީވާ އަބްދުﷲ ގެނެސްފިއެވެ.
ސްވިޓްޒަލެންޑްގެ ޖެނީވާގައި މިހާރު ކުރިޔަށްދާ އައިޕީޔޫގެ ހިޔުމަން ރައިޓްސް ކޮމެޓީއާ ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން އައިޕީޔޫގެ އަންހެނުންގެ ކޮމެޓީއަށް އޭޝިއާ ޕެސިފިކުން އައްޔަނުކޮށްފައިވާ މެންބަރު އީވާ އަބްދުﷲ ވަނީ ރާއްޖޭގައި ނޫސްވެރިންނަށް ދެމުންދާ އިންޒާރުތަކަށް އަލި އަޅުއްވާލައްވައި ވާހަކަ ދައްކަވައިފައެވެ.
އެގޮތުން ރިޟްވާން ވަގަށް ނަގާފައިވާ ކަމަށް އަމިއްލަ ފަރާތްތަކުގެ ހޯދުންތަކުން ހެކިލިބިފައިވާއިރު، މިއަދާ ހަމައަށް ވެސް އޭނާ ހޯދިފައި ނުވާ ކަމަށް އީވާ ވިދާޅުވިއެވެ. ރިލްވާން ހޯދުމަށް ސަރުކާރުން އެއްވެސް އަހުމިއްޔަތު ކަމެއް ދީފައި ނުވާ ކަމަށްވެސް ވިދާޅުވިއެވެ. އެ މައްސަލައިގެ ފުރިހަމަ ތަހުގީގެއް ފުލުހުން ހިންގާފައި ނުވާ ކަމަށް ވެސް އީވާ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީހުން ވެސް އެމައްސަލަ ބެލުމަށް ވަނީ އިންކާރުކޮށްފައެވެ.
ރިލްވާން ގެއްލުނުތާ މިއަދަށް 66 ދުވަސް ވެގެން ގޮސްފައިވާއިރު އެމައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ތެރެއިން ތިން މީހަކު ވަނީ ދޫކޮށްލާފައެވެ.
ކިޔުންތެރިންގެ ހިޔާލު