ހުޅުލޭ އެއާޕޯޓުގެ މުދާ ބަލައި ފާސްކުރުމުގެ ކަންކަން ވަނީ ބޮއްސުންލާފައި: ހޯމް މިނިސްޓްރީ

image

ހުޅުލޭގައި ހުންނަ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު (އައިއެންއައިއޭ) އަށް އެތެރެކުރާ މުދާ ބަލައި ފާސްކުރުމުގެ ކަންކަން ބޮއްސުންލާފައިވާކަމަށް ހޯމްމިނިސްޓްރީން ހާމަކޮށްފިއެވެ.

އެއެއާޕޯޓު ހިންގުމަށް ސަރުކާރުން ހަވާލުކޮށްފައިވާ މޯލްޑިވްސް އެއާޕޯޓްސް ކޮންޕެނީ (އެމްއޭސީއެލް) 10،000 ރުފިޔާ އިން އިއްޔެ ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ. 

އެ މިނިސްޓްރީގެ މީޑިއާ ކޯޑިނޭޓަރ  ތަޒްމީލް އަބްދުއްސަމަދު މީޑިއާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ،  އެއާޕޯޓްސް ކޮމްޕެނީ ޖޫރިމަނާކޮށްފައި ވަނީ އެއާޕޯޓުގައި ހުންނަ ކަސްޓަމްސް ސަރަހައްދުގައި މުދާ ބަލައި ފާސްކުރުމުގެ އެންމެހައި ކަންކަން ރަނގަޅު ކުރުމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ތަކުރާރުކޮށް އަންގަވާފައިވާކަމަށެވެ. އެހެންނަމަވެސް އެކަންކަން އެމްއޭސީއެލްއިން ރަނގަޅުކޮށްފައިނުވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

އެމްއޭސީޢެލުން އެކަންކަން އިސްލާހު ނުކުރުމުގެ ސަބަބުން ރާއްޖެއަށް މަސްތުވާތަކެތި އެތެރެވެފައިވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ދާދިފަހުން ތަރުކާރީ ފޮށިގަނޑެއްގައި ފޮރުވައިގެން އެއްކިލޯގެ މަސްތުވާތަކެތިވެސް އެތެރެކޮށްފައިވާކަމަށެވެ. އެކަން ކޮށްފައިވަނީ އެއާކާގޯ މެދުވެރިކޮށްކަމަށް ވެސް އޭނާ ވިދާޅުވިއެވެ. 

ކަސްޓަމްސް ގާނޫނުގެ ދަށުން އެމްއޭސީޢެލް ޖޫރިމަނާކޮށްފައިވާއިރު، އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދެއްކުމަށްވެސް ވަނީ އަންގައިފައެވެ. 

ހުޅުލޭ އެއާޕޯޓުގެ ކަސްޓަމްސްގެ އެއާކާގޯގެ ސަރަހައްދުގައި މުދާ ބަލައި ފާސްކުރުމަށް ބޭނުންވާ އެންމެހައި ކަންކަން ރަނގަޅު ކުރުމަށް ދީފައިވާ މުއްދަތުގެ ތެރޭގައި އެކަންކަން ރަނގަޅު ނުކޮށްފިނަމަ އެމްއޭސީއެލްއާމެދު އިތުރު ފިޔަވަޅުތައް އެޅުމަށްވެސް ހޯމް މިނިސްޓްރީން ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު comment

total : | displaying :
advertisement
ޓެގްސް