ހެލްތުމާސްޓަރޕްލޭނަށް ޚިޔާލު ހޯދުމަށް ފޯރަމްތަކެއް ބާއްވަނީ
ރާއްޖޭގައި 2016 އިން 2025 އަށް ޢަމަލުކުރާނެ ހެލްތު މާސްޓަރ ޕްލޭން ހެދުމަށްޓަކައި އާންމުގެ ޚިޔާލު ހޯދުމަށް "ޕަބްލިކް ފޯރަމް" ތަކެއް ބާއްވަން ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.
އެމިނިސްޓްރީން ބުނެފައިވަނީ މިފޯރަމްތައް ބޭއްވުމަށް މިނިސްޓްރީން ރާވަމުން ގެންދަނީ މިއަހަރުގެ ނޮވެންބަރު މަހާއި ޑިސެންބަރު މަހުގެ ތެރޭގައި ކަމަށެވެ. މިފޯރަމް ތަކުގައި ވީހާވެސް ގިނަ މީހުން ބައިވެރިވެ ޚިޔާލު ދެއްވުމަށްވެސް މިނިސްޓްރީންވަނީ އެދިފައެވެ.
މި ފޯރަމުގައި ބައިވެރިވާން ބޭނުންވާ މީހުން އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު (ރޯޝަނީ ބިލްޑިންގގެ) ރިސެޕްޝަނަށް 2014 ވަނަ އަހަރުގެ އޮކްޓޫބަރު 30 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ހުށަހަޅައި ދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
ރާއްޖޭގައި މިހާރު ޢަމަލުކުރަމުން ގެންދާ މާސްޓަރ ޕްލޭނަކީ 2006 އިން 2015 އަށް ހެދިފައިވާ ޕްލޭނެކެވެ. އަލަށް އެކުލަވާލެވޭ މާސްޓްރޕްލޭންގެ މަސައްކަތް ޖެލްތު މިނިސްޓްރީން ފަށައިފައިވަނީ 2014 ވަނަ އަހަރުގެ ޖޫން 15 ގައެވެ.
އަލަށްހަދާ މާސްޓަރ ޕްލޭނަކީ ޤައުމީ މާސްޓަރ ޕްލޭނަކަށް ހެދުމަށްޓަކައި، ދާއިރާއާ ގުޅޭ ހުރިހާ ފަރާތްތައްވެސް ހިމެނިގެންދާނެ ފަދަ ގޮތަކަށް ޕްލޭން ހެދުމަށް މިނިސްޓްރީން ބޭނުންވާ ކަމަށްވެސް ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ހިޔާލު